"ދިވެހި ފުލުހުންގެ ހިދުމަތް" އަށް ފުލުހުންގެ ނަން ބަދަލުކުރަން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައިފިއެވެ.
އެބިލު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމުން ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމް ކޮށްފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަަށް ބަދަލުވީ ކަމަށެވެ.
އެއާއެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންމެހައި ގާނޫނީ ޒިންމާ ތަކާއި މުވައްޒިފުންނާއި އިލްތިޒާމް ތަކާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް މި ގާނޫނުގަިއވާ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން މި ގާނޫނުގެ ދަށުން އުފެދުނު ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުވީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތަށް އިނގިރޭސިބަހުން ބޭނުން ކުރާނެ ނަމަކީ، "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލުގައިވާގޮތުން ދިވެހި ފުލުހުންގެ ހިދުމަތް އިންތިޒާމު ވެގެންވަނީ ހާއްސަ ސިފަތަކެއް ހިމެނިގެންނެވެ. އެގޮތުން ދިވެހި ސިވިލްސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި މުޅި ދިވެހި ރާއްޖެއަށް އިންތިޒާމު ކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ހިމަނާފައި ވެއެވެ.
އިދާރީގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމު ކުރެވިފައިވާ މުޅި ދިވެހި ރާއްޖެއަށް ހިދުމަތް ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކަށް ގާތުން ގުޅިގެން ތަންފީޒު ކުރެވޭ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ބިލުގައި ހިމަނާފައި ވެއެވެ.
މުޖުތަމައުގައި ކުށްކުރުން މަދުކޮށް އަމާން ވެއްޓެއް ގާއިމް ކުރުމަށް އިސްވެ މަސައްކަތްކުރާ ހިދުމަތެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް