ޔުވެންޓަސްގެ ޕޯޗުގަލް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 750 ވަނަ ގޯލާއެކު ޔުވެންޓަސް މޮޅު ކޮށްދީފިއެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސްއިން ކުޅުނު މެޗުގައި އެޓީމުން ޑައިނަމޯ ކިއޭވްގެ މައްޗަށް ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ޔުވެންޓަސްއަށް ކޮލިފިކޭޝަން ޔަގީން ވެފައި އޮތްއިރު، އެޓީމަށް އޮތް ހަމައެކަނި ޓާސްކަކީ އެއްވަނަ މަގާމު ހޯދުމެވެ. ގްރޫޕް ޖީގައި ބާސެލޯނާއިން 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނައިރު، ރޭ ކުޅުނު މެޗުގައި ފެރެންކްވަރޮސްގެ މައްޗަށް ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގައި ބާސާއާއި ޔުވެންޓަސްއިން ކުޅޭ ފަހު މެޗުގައި އެދެޓީމުގެ ކުރިމަތިލުމަކަށް ތައްޔާރުވެފައި އޮތްއިރު، ލިއޮނަލް މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުން ފޯރިގަދަވާނެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފިރިހެން ޑިވިޝަންގެ މެޗެއްގައި ފުރަތަމަ ފަހަރަތަށް އަންހެން ރެފްރީއެއް ރޭ ޔުވެންޓަސްއިން ކުޅުނު މެޗުގައި ފެނިފައި ވެއެވެ. އެ ޝަރަފު ލިބިފައި ވަނީ ފްރާންސްގެ ސްޓެފަނީ ފްރެޕާޓޭ އަށެވެ. އޭނާއަށް ރޭގެ މެޗު ވެގެންދިޔައީ ފަސޭހަ މެޗަކަށެވެ.

މެޗުގެ ކުރީކޮޅުގައި ޔުވެންޓަސްގެ ފެޑަރީކޯ ޗިއޭސާގެ ގޯލާއެކު އެޓީމުން ލީޑު ނަގާފައިވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު ރޮނާލްޑޯ އޭނާގެ ގޯލް ޖެހިއެވެ. ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި މިހާތަނަށް ޔުވެންޓަސްއަށްވެސް 75 ގޯލް ޖަހާފައިވާއިރު، އޭނާ އެންމެ ގިނަ ގޯލް ޖަހާފައި ވަނީ ރެއާލް މެޑްރިޑްގެ ޖާޒީގައެވެ. އެއީ 450 ގޯލެވެ. ގައުމީ ޓީމަށްވެސް ރެކޯޑް 102 ގޯލް ޖަހާފައިވާ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް 118 ގޯލް، ފުރަތަމަ ކްލަބު ސްޕޯޓިން ލިސްބަންއަށް ފަސް ގޯލް ޖަހައިފައެވެ.

ޔުވެންޓަސްގެ ތިންވަނަ ގޯލް ޖެހީ އަލްވާރޯ މޮރާޓާއެވެ.

ބާސާއިން ރޭ ކުޅުނު މެޗުގެ ގޯލްތައް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އާއި މާޓިން ބްރެތުވައިޓްގެ އިތުރުން އުސްމާން ޑެމްބޭލޭއެވެ. ރޭގެ މެޗަށް ބާސާއިން ނުކުތީ ކެޕްޓަން ލިއޮނަލް މެސީ ނުލައެވެ. މެސީ ހުރީ ރެސްޓްގައެވެ.

މިހާތަނަށް ގްރޫޕް ސްޓޭޖުގައި ބާސާ ކުޅުނު ހުރިހާ މެޗަކުން އެޓީމު މޮޅުވެ، ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވެއެވެ.