ރާއްޖޭގެ އެކި ސަރަހައްދުތައް ކެޓަގަރައިޒްކޮށް، ޓޫރިޒަމަށް ދޫކުރާ ރަށްރަށާއިި ބިންތަކުގެ ކުއްޔަށް ބަދަލު ގެންނަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު މަޖިލިހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މި ބިލަކީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ ބިލެކެވެ.

އެ ބިލު ގާނޫނަކަށް ވެގެން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަކީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ވެސް މުހިންމު އާމްދަނީއަކަށް ވާތީ، ބަޖެޓް ފާސްކުރުމުގެ ކުރިން އެ ބިލު ނިންމުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލިސް ރައީސް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް އެ ބިލު ގެންގޮސް ބަހުސް ފަށައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުން ޓޫރިޒަމްގެ މަސައްކަތަށް ދޫކުރާ ތަންތަނުން ކުޑަ އަގެއް ނަގަން ވަނީ ކަނޑައަޅައިފަ އެވެ. ޓޫރިޒަމަށް ދޫކުރާ ބިންތަކުން އަކަ މީޓަރަކަށް ވަކިވަރެއް ނަގާނީ ދެ ލައްކަ އަކަމީޓަރަށްވުރެ ކުދި ބިންތަކަށް ކަމަށް ވަނީ ހިމަނައިފަ އެވެ.

އެގޮތުން އައްޑު އާއި ފުވައްމުލަކުގެ ދެ ލައްކަ އަކަމީޓަރަށް ވުރެ ކުދި ބިންތައް ދޫކުރަން ބިލުގައި ހިމަނާފައިވަނީ އަކަމީޓަރަކަށް އަހަރަކު ދެ ޑޮލަރުގެ ރޭޓުންނެވެ. އަދި އެތަންތަނުން ނަގާނެ އެންމެ ބޮޑު ކުއްޔަކީ 250،000 ޑޮލަރަށް ހެދުމަށްވެސް ހިމަނާފައިވެ އެވެ. ރާއްޖޭގެ އުތުރުން ހއ. އަތޮޅާއި ހދ. އަތޮޅުގައި އެ ވަރުގެ ބިންތަކަށް ނަގަން ބިލުުގައި ކަނޑައަޅާފައިވަނީ އަކަ މީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. އެންމެ ބޮޑުކޮށް ނަގާނެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކަށް ފަސް ލައްކަ ޑޮލަރެވެ.

ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އެ ސައިޒުގެ ބިންތަކަށް ނަގަން ބިލުގައި ހިމަނާފައިވަނީ އަކަ މީޓަރަކަށް އަހަރަކަށް އަށް ޑޮލަރު ނެގުމާއެކު އެންމެ ބޮޑުކޮށް ނަގާނެ އަދަދު އެއް މިލިއަން ޑޮލަރަށް ލިިމިޓް ކުރުމަށެވެ. ދެން ހުރި އަތޮޅުތަކުގައި އަކަމީޓަރަކަށް އަހަރަކަށް ހަ ޑޮލަރު ނެގުމާއެކު އެންމެ ބޮޑު އަދަދަކީ 750،000 ޑޮލަރު ކަމަށް ވަނީ ހިމަނައިފަ އެވެ.

ބިލުގައިވާ ގޮތުން ދެ ލައްކަ އަކަ މީޓަރުން ފެށިގެން ހަތަރު ލައްކަ އަކަމީޓަރާ ހަމައަށް ބިލުގައި އަކަ މީޓަރަކަށް ވަކިވަރެއް ނަގާ ގޮތަށް ކަނޑައަޅާފައެއް ނެތެވެ.

އައްޑު އާއި ފުވައްމުލަކުގައި އެވަރުގެ ބިންތަކަށް ނަގަން އޮތީ އަހަރަކަށް ހަތަަރު ލައްކަ ޑޮލަރެވެ. ހއ އަތޮޅާއި ހދ. އަތޮޅުގައި އަހަރަކަށް 750،000 ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އަހަރަކަށް 1.5 މިލިއަން ޑޮލަރު އަދި ދެން ހުރި އަތޮޅުތަކުގައި އަހަރަކަށް 1.1 މިލިއަން ޑޮލަރެވެ.

އައްޑު އާއި ފުވައްމުލަކުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަން ބިލުގައި ހިމަނާފައި ވަނީ އަހަރަކު އަށް ލައްކަ ޑޮލަރަށެވެ. ހއ. އާއި ހދ. ގައި އަހަރަކަށް އެއް މިލިއަން ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އަހަރަކު ދެ މިލިއަން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި 1.5 މިލިއަން ޑޮލަރެވެ.

މި ބިލުގައި އިންޓަގުރޭޓެޑް ޓޫރިސްޓް ރިސޯޓާއި ސްޓްރާޓާ އުސޫލުން ރިސޯޓުތަކުގެ ކޮޓަރި ނުވަތަ ވިލާ، ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ޕްރައިވެޓް އައިލެންޑް ކުއްޔަށް ދިނުމާ ގުޅޭ އުސޫލުތައް ބަޔާން ކުރަން ވަނީ ހުށަހަޅައިފަ އެވެ.