ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޔޫކޭ އިން ދީފިއެވެ.

އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯޓެކް ގުޅިގެން، ކޮވިޑް-19 އަށް އުފެއްދި "ފައިޒާ" ވެކްސިން ބޭނުންކުރުމުގެ ލައިސަންސް އިނގިރޭސިވިލާތުން ދީފައިވަނީ އެގައުމުގެ މެޑިސިންސް އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޮތޯރިޓީ އިންނެވެ.

ޔޫކޭ ވެފައި މިވަނީ ދުނިޔެއިންވެސް ފައިޒާ ވެކްސިން އަށް ހުއްދަ ދިން ފުރަތަމަ ގައުމު ކަމުގައެވެ.

ޔޫކޭ އިން ވަނީ ފައިޒާގެ 40 މިލިއަން ޑޯޒް ހޯދުމަށް އެކުންފުނީގައި އެއްބަސްވެފައެވެ. ފައިޒާއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔޫކޭ އަށް ފައިޒާ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ފައިޒާގެ ޗެއާމަން އަދި ސީއީއޯ އަލްބާޓް ބޯލާ ވަނީ ޔޫކޭ އިން ހުއްދަ ދިނުމާއެކު ކޮވިޑާ ދެކޮޅަށް ފަށާފައިވާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ފައިޒާ ވެކްސިނަށް ހުއްދަ ދިނުމަށް އެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ވެސް ހުށަހަޅައިފައި ވެއެވެ. ފައިޒާއިން ވަނީ އެ ވެކްސިންގެ އެންމެ ފަހުގެ މަރުހަލާގައި 95 އިންސައްތަ ކާމިޔާބު ނަތީޖާއެއް ނެރެވިފައިވާ ކަން ހާމަކޮށްފައެވެ.