ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުގެ ނަން އިއްވައި ޖަލްސާއިން ބޭރުކުރަން ސާޖެންޓް އެޓް އާމްސް އަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމުން، އެ މެންބަރު އަމިއްލައަށް މަޖިލިސް ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުމުގެކުރިން ވެސް ޖަލްސާތެރޭގައި ޝަރީފް އަޑުގަދަކުރައްވަމުން ގެންދެވިއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެންކަމެއް އެނގޭގޮތެއް ނުވެއެވެ. ޝަރީފް މަޖިލީހުގެ ރިޔާސަތަށް އަތުން އިޝާރާތްކުރައްވާތަންވެސް ފެނުނެވެ.
މަޖިލީހުގެ ރައީސް ޖަލްސާ ފެއްޓެވުމުގެ ކުރިން ތަކުރާރުކޮށް، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ޝަރީފަށް ދެންނެވިއެވެ. މަޖިލިސް ރައީސް ވެސް ޝަރީފަށް އެހެން އަންގަވަމުން ގެންދެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އިންނަވައިގެންނެވެ.
އެންމެ ފަހުން ޝަރީފް ޖަލްސާއިން ނިކުންނަވަން މަޖިލިސް ރައީސް އެންގެވިއެވެ. އެއަށްފަހު، ޝަރީފް ޖަލްސާއިން ނެރުމަށް މަޖިލިސް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެންގެވިއެވެ. އެއަށްފަހުވެސް މަޖިލިސް ރައީސް ތަކުރާރު ކުރައްވަމުން ގެންދެވީ "ސާޖަންޓް އެޓް އާމްސް މީނާ މިތަނުން ނެރޭ! ސާޖަންޓް އެޓް އާމްސް މީނާ މިތަނުން ނެރޭ! ސާޖަންޓް އެޓް އާމްސް މީނާ މިތަނުން ނެރޭ!" މިހެންނެވެ.
މަޖިލިސް ރައީސްގެ އެ އެދިވަޑައިގެންނެވުމަށް، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، ޝަރީފަށް ދަންނަވައިގެން ޖަލްސާއިން ނެރުއްވަން މަސައްކަތް ކުރައްވަމުން ގެންދެވިއިރު ޝަރީފާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) އާއި ދެބޭފުޅުންވެސް އަތް އުއްކަވައި ހަޅޭއްލަވަމުން ގެންދެވިތަން ފެނުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފެއްޓެވީ ޝަރީފު ޖަލްސާއިން ނެރުއްވުމަށްފަހުގައެވެ.
ޖަލްސާ ފެއްޓެވުމަށްފަހު، ރިޔާސަތުން އަންގާ އެންގުންތަކުގެ ގޮތުގައި މަޖިލިސް ރައީސް ވިދާޅުވީ، ވަރަަށް ތަފްސީލާއެކުގައި މިއަދުގެ ރިޔާސަތުގެ އެންގުން މަޖިލިސް މެންބަރުންނަށާއި، މަޖިލިސް ބައްލަވަން ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ.
"އެބޭފުޅުންގެ ހިތުގައި އުފެދޭނެ ސުވާލެއް ކިހިނެއްބާއޭ އެވީ، އަޅުގަނޑު އެކަމުުގެ ތަފްސީލެއް ދަންނަވާކަން ނެތިން،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ އެކަމަކީ ދެ މެންބަރެއްގެ ދެމެދުގައި ބަޣާވާތާ ބެހޭގޮތުން ހިޔާލު އުފެދި ވަރަށްބޮޑަށް ޖޯޝު އުފެދިގެންދިޔަ ކަމެއް ކަމަށެވެ.
"އެއްފަހަރާ ދެ މެންބަރެއްގެ ނަން ނީއްވޭ، އެއް ނަން އިއްވެނީ ފަހަރަކު މެންބަރެއްގެ، އެއް މެންބަރުގެ ނަން އިއްވާ ހިނދުކޮޅެއް ވީއިރު ދެވަނަ މެންބަރު ފެންނާކަށް ނެތް އެހެންވެ މިހާރު މިއޮތީ ނިޒާމު ގާއިމް ވެފައި،" ދެވަނަ މެންބަރުގެ ނަން ވިދާޅު ނުވެ މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް ތެރޭގައި އެގޮތަށް ހިލާފު އުފެދެނީ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވެސް ހައްސާސްކަން ކަން މަޖިލީހުގައި ބަހުސް ކުރެވެމުންދާއިރު ކަމަށެވެ.
"މި ބަހުސްކުރެވޭ ކަންކަމަަށް ގޮތްތައް ނިންމެމުންމިދާ ކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމައަށް އަސަރުކޮށްގެންދާނެ ކަންކަން، ވަރަށްގިނަ ކަންކަމަކީ މާޒީގެ ފަތްފުށުގައި އެތައްބައެއްގެ ހިތާމަވެރި ހަޔާތާ ގުޅިފައި ހުރި ކަންކަން، ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުދާސްތު ވެފައިވާކަންކަން، އެހެންވީމާ މިތަނުގެ ތެރޭގައިވެސް އޭގެ ޖޯޝާއި އޭގެ ރޫހު އެގޮތަށް ފެނިގެން އެދަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް