ފެބްރުއަރީ ހަތެއް، 2012 ގައި ފުލުހުން ނުކުމެ ހިންގި ބަޣާވާތަކީ ނުހިނގާ ކަމެއް ކަމަށް ދެކިގެން ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަކީ ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ހަތެއް ފެބްރުއަރީގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސްކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 7 ފެބްރުއަރީ 2012 ގައި ފުލުހުން ނުކުމެ ހިންގި ބަޣާވާތަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ، އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ.

ރައީސް ނަޝީދު ވަނީ ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިޔުޓްނީއެއް ނުކުރާނެ ކަމަށް ދަންނަވަން ދަތި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ، ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމާ ގުޅިގެންނެވެ.