އިމްތިޔާޒް ފަހުމީ

208 މީހުން ވަގަށް ރާއްޖެ އެތެރެވި މައްސަލައެއް ވެއްޖެ، މައްސަލަ ބަލާކަމެއްނޭނގެ: އިންތި

އިބްރާހިމް ޒަކީ

ކޮންސްޓްރަކްޝަން މަރުހަލާގައިވާ، ރަށެއްގެ މަސައްކަތަށް، ރިސޯޓެއްގެ ނަމުގައި 1000 ކޯޓާއަށް އެދުމުން ހުއްދަ ދީފައިވާ 960 ކޯޓާގެ ތެރެއިން 208 މީހުން ވަގަށް ރާއްޖެ އެތެރެވި މައްސަލައެއް ފާހަގަ ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްދާ މީހުން ޓްރެފިކުކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި އެ މައްސަލައިގައި، 960 ކޯޓާ އެޕްރޫވްކޮށް، އޭގެ ތެރެއިން 208 މީހުން ވަގަށް އެތެރެވެފައިވާ މައްސަލައަކީ ހިނގާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައަކީ ކަމާބެހޭ ފަރާތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހިނގާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހާ ގިނަ ބަޔަކު އެގޮތަށް ރާއްޖެ އެތެރެވާއިރު އެނގެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ މީހުން ސަރުކާރުން ފޮނުވާކަމުގެ ވާހަކައަކީ ދެކެވޭ ވާހަކައެއް ކަމަށެވެ. އެގޮތަށް ކުރާ މަސައްކަތްތަކާއި، ގަވާއިދުގެ ތެރެއަށް ބިދޭސީން ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަ ކުރެވޭ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، މި ދަނޑިވަޅުގައި ރާއްޖޭން ފޮނުވައިލެވޭ މީހުންނަކީ ކޮވިޑްގެ ހާލަތުގައި އަތްމަތި ދަތިވެ ހާލަތު ގޯސްވެގެން ދާން ބޭނުންވެފައި ތިބި މީހުން ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ހޯދައި އެމީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތަށް، ކަމާބެހޭ އެއްވެސް ފަރާތަކުން އަމަލު ކުރަމުންދާތަން ނުފެންނަ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެގޮތަށް އަމަލު ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ފުލުހުން ނުވަތަ އެހެން ފަރާތަކުންވެސް އެފަދަ މަސައްކަތްތަކެއް ކުރާނަމަ އެކަންތައް ފެންނާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.