ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުކަމުގެ މަގާމުން ގާޒީ ބާރީ ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބާރީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އޭނާގެ މައްސަލަ ބެލުމަށްފަހު، މަގާމުން ވަކިކުރަން ފެންނާނީ، ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓިންވެސް އެ މައްސަލަ ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރަން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓު ނަގައިގެންނެވެ.

މި ވޯޓުގައި ބާރީ މަގާމުން ވަކިކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބާރީ މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރަކެވެ. އެއީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދުނަޝީދެވެ.

ޖޭއެސްސީން ގާޒީ ބާރީވަކިކުރަން ހުށަހެޅީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އަކާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ މާލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި އެ މުއްދަތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައި ނުވާ ކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

"މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ގާޒީ ބާރީއާ ގާތް ގުޅުމެއް އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިންގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކުކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކެއް އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބައިވެރިވިކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަން ވެސް ވަނީ ފާހަގަކުރެވިފަ،" ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިރު، ޝަރީއަތްތައް ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިން އިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތް ކަމާއި ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އޭގެ އިތުރުން ގާޒީ ބާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ ބާރީ ދައްކާފައިވާ އިރު، އެ ފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީގެ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އޭނާ ހުރީ ސަސްޕެންޝަންގައެވެ.