ދައުލަތުގެ ފަރާތުން ނަގާ ލޯނާއި ސޮވްރިން ގެރެންޓީ އާއި ސުކޫކާއި ޓީބޮންޑް ވިއްކާ ނަމަ އޭގެ ފުރިހަމަ ތަފުސީލު ކުއާޓަލީ ރިޕޯޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވަން ޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަތޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ބަޖެޓަށް އިސްލާހު ހުށަހަޅުއްވައިފިއެވެެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އޯވާސައިޓް ފަންކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ތަނަކަށްވާއިރު އެކަންތައްތަކަކީ ކޮންޓިނިއުކޮށް މަޖިލީހަށް ހުށަހަޅަމުން ގެންދަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.

ނަމަވެސް އެގޮތަށް ފިނޭންސް މިނިސްޓްރީން އެ މައުލޫމާތުތައް މަޖިލީހަށް ހުށަހަޅަމުން ނުދާތީ، ބަޖެޓަށް އެ އިސްލާހު ހުށަހަޅަން ޖެހުނީ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ހުށަހެޅި އިސްލާހަކީ، ދައުލަތުގެ ފަރާތުން ނަގާ ލޯނާއި ސޮވްރިން ގެރެންޓީ އާއި އަދި ސުކޫކު ޓީބޮންޑް ވިއްކާ ނަމަ އޭގެ ހުރިހާ، ފުރިހަމަ ތަފްސީލް ކާކަށްތޯ ވިއްކީ، ކޮން ރޭޓެއްގައި ކޮން ކަމަކަށްތޯ، ފުރިހަމަ ތަފްސީލް ކުއާޓަލީ ރިޕޯޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަނިކުފާނުުގެ އަތްޕުޅަށް އަރުވަން ޖެހޭނެ، ވާހަކައަކީ ރައްޔިތުންގެ މަޖިލީހަށް ކުއާޓާލީ ރިޕޯޓެއްގެ ގޮތުގައި ފުރިހަމަ ތަފްސީލް ފޮނުވަން ޖެހޭނެއޭ، އަޅުގަނޑު ހީކުރީ ރައްޔިތުންގެ މަޖިލީހަކީ އޯވާސައިޓް ފަންކްޝަންގެ ގޮތުގައި ހިނގާއިރު އެއީ ފެށުނީއްސުރެ އޮޓަމެޓިކުން ވާން ޖެހޭނެ ކަމެއްކަމަށް، އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެއީކީ ހިނގާ ކަމެއްނޫން، މިދިޔަ ފަސްއަހަރުގެ ލޯނުތަކުގެ ތަފްސީލް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ފެށީމަ އަޅުގަނޑުމެންނަށް އެނގުނީ އެ ތަފްސީލް މަޖިލީހުގައި ނެތުނީމާ ވާބުރަ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މިހާރު މިއަހަރަށް އޮތް ސުކޫކުގެ ކަންތައް ފިނޭންސް މިނިސްޓްރީން ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މިއަދާ ހަމައަށްވެސް އެކަހަލަ މަސައްކަތެއް ހިންގާ ނަމަ މަޖިލީހަށް އެނގެން ޖެހޭނެ ކަމަށާއި، އެއީ ސިއްރުސިއްރުން ފިނޭންސް މިނިސްޓްރީއަށް އެކަނި ކުރެވޭނެކަމެއްނޫން ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގައިވެސް މާލިއްޔަތު ކޮމިޓީއެއް އޮންނަ ކަމަށާއި، ދައުލަތުން މަޖިލީހަށް ބަޖެޓު ހުށަހެޅިއަސް ބަޖެޓު ނިންމަނީ މަޖިލީހުން ކަމަށާއި ސުކޫކު ވިއްކުމާއި ނުވިއްކުމަކީ ވަރަށްބޮޑަށް އާމްދަނީއާ ގުޅިފައި ހުންނަ ކަމަކަށްވާއިރު އެކަންކަމުގެ ފުރިހަމަ ތަފްސީލް އެނގެން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ދައުލަތުގެ ލޯނުތައް ދެއްކުމާ ދޭތެރޭގައި، އިންތިޒާމުވެފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭ، ކަމަށެވެ.

ކޮންމެ ލޯނެއް ވަކިވަކި ކޮންމެ ޕާޓްނަރަކާ ވާހަކަ ދައްކައިގެން އަނބުރާ ދެއްކުމުގެ މަޝްވަރާތަކަަށްވުރެން އިންތިޒާމްވެގެން ހުރިހާ ލޯނުތަކެއް ދެއްކޭނެ ގޮތަށް، ކަންކަން ނުކޮށްފިނަމަ އަންނަ އަހަރުގެ މާޗް މަަހަށް ދާންވާއިރަށް މާބޮޑަށް ދަތިވެދާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކައިގައި ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން ހިންގާ މަޝްރޫއުތައް ފިނޭންސް މިނިސްޓްރީން ފުރިހަމައަށް މޮނިޓާ ކުރަން ޖެހޭނެ ކަމަަށްވެސް ވަނީ ހުށަހަޅައިފައެވެ.