އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ 32 ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 ޖަހާއިރަށް ވަނީ ތާވަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި ޒިޔަތުގެ އަޑުއެހުމެއް ތާވަލުކުރި އިރު، ޒިޔަތު ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އެއްބަސްވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު ޕްލީ ބާގެއިން އެއްބަސްވުމެއް ހަދައި ޖޮއިންޓް ތަހުގީގަށް އެއްބާރުލުން ދޭން ނިންމައިފައެވެ.

ޒިޔަތު މިގޮތަށް ނިންމިކަމަށް ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ޅ. މާބިންހުރާގެ މައްސަލައިގައި، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި އަށް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުކުރުމުން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ.

ސުޕްރީމް ކޯޓުގެ އެ އަޑުއެހުން ފައްޓަވަމުން، ތިން ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރުގެ ގޮތުގައި އިންނެވި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ، އެ އަޑުއެހުމަކީ ޒިޔަތުގެ ފަރާތުން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވެ، އެކަމަށް އެދި މިމަހުގެ 19 ވަަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައި ވާތީ، އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ބާއްވާ އަޑުއެހުމެއް ކަމަށެވެ.

އެއަށްފަހު، އެ މައްސަލަ ބޭނުންވޭތޯ އާއި އެކަމުގައި އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް އޮތްތޯ، ފަނޑިޔާރު ޒިޔަތާ ސުވާލު ކުރެއްވިއެވެ. އަދި ޒިޔަތު ދޫކޮށްލަނީ، އިސްތިއުނާފީ ހައްގެއްކަން އެނގޭތޯއާއި، އެކަމުން ނުކުންނާނެ ނަތީޖާ އެނގޭތޯވެސް ފަނޑިޔާރު ސުވާލުކުރެއްވިއެވެ.

ޒިޔަތު ބުނީ މައްސަލަ ނަގަން ނިންމީ ޕީޖީ އޮފީހާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ.

ޒިޔަތުގެ ވާހަކައަށްފަހު، ޕީޖީ އޮފީހުގެ ފަރާތުން އެކަމަށް އިއުތިރާޒު ކުރޭތޯ، ފަނޑިޔާރު ސުވާލުކުރެއްވިއެވެ.

ޖަވާބު ދެއްވަމުން، ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސިކިއުޓާ އައިމިނަތު ޝާމާ ނަސީރު ވިދާޅުވީ، އެކަމަށް ޕީޖީގެ ފަރާތުން އިއުތިރާޒު ނުކުރައްވާ ކަމަށާއި ނަމަވެސް ޝަރީއަތަށް ސާފުކޮށްދޭން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން މާބިންހުރާގެ ހިޔާނާތާގުޅޭ މައްސަލަ ހިމެނޭގޮތުން ޒިޔަތުގެ މައްޗަށް ހުށަހެޅިފައިވާ ހިޔާނާތުގެ މައްސަލަތަކަށް އޭނާ އިއުތިރާފުވެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކާ ގުޅިގެން ކުރަމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދޭނެކަމަށް ބުނެ ޕީޖީ އޮފީހަށް ޒިޔަތު ސިޓީއެއް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ސިޓީގައި ޒިޔަތުގެ ފަރާތުން އެދިފައިވާ ގޮތަށް ޒިޔަތާއެކު ޕީޖީ އޮފީހުން މަޝްވަރާ ކުރެވި މި މައްސަލަތަަކަށް، އިއުތިރާފްވާން ބޭނުންވާ ކަމަށާއި މިހާރު ހިނގަމުންދާ އެމްއެމްޕިއާރުސީގެ ތަހުގީގަށް އެއްބާރުލުންދޭން ބޭނުންވާކަމަށް ބުނެގެން މި ތަހުގީގުތައް މިހާރު ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ ފަރާތްތައް ކަމަށްވާ ޕޮލިހާއި، އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން، އެ އިދާރާތަކުގެ މަޝްވަރާގެ މަތިން ޖިނާއީ އިޖުރާތުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާ އިއުތިރާފުގެ އެއްބަސްވުމަށް ވާސިލުވުމަށްޓަކައި ދެކެވުނު ވާހަކަަތައް ލިއުމަށް ތިރިކޮށް އެއްބަސްވުމަށް، ޕްރޮސިކިއުޓާ ޖެނެރަލް އާއި ޒިޔަތާއެކު މިވަނީ އާދެވިފައި،" އެ އަޑުއެހުމުގައި ޕަބްލިކް ޕްރޮސިކިއުޓާ އައިމިނަތު ޝާމާ ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 މައްސަލައަށް ވެސް އިއުތިރާފުވުމަށްފަހު އަނެއްކާ ސުޕްރީމް ކޯޓުގައި އެކަމަށް އިންކާރު ކުރުމަކީ، އަރައިރުންވާނެ ކަމަކަށްވުންވެސް، ޒިޔަތު އެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، އެންމެ އިސް ދައުރެއް އަދާކުރި ފަރާތްތަކުގެ ތެރޭގައި ޒިޔަތު ހިމެނެއެވެ. އޭނާގެ އިތުރުން އެކަމުގައި އެންމެ އިސްކޮށް ހުންނެވި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުވެސް ވަނީ އެފަދަ އެއްބަސްވުމެއް ޕީޖީއާއެކު ހަދައިފައެވެ.