ރިޕޯޓް

ލޭބަލްގައި "ހެލްތީ" ކަމަށް، އެކަމަކު ބަލިވޭ: ރަނގަޅު ޕްރޮޑަކްޓް ދެނެގަންނާނެ ގޮތް މިއޮތީ (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

ވީޑިއޯ ރިޕޯޓް

"ކޮލެސްޓްރޯލް ފްރީ" ނުވަތަ "ފެޓް ފްރީ" ނުވަތަ "ޝުގާ ފްރީ" މިހެން ލޭބަލްކޮށްގެން ކާބޯތަކެތި ވިއްކުމަކީ އާއްމު ކަމެކެވެ. ލޭބަލްއިން ހީވަނީ އެއީ ސިއްހަތަށް ނިކަން ވަރަށް ފައިދާ ހުރި ތަކެތިހެންނެވެ. އަގު ބޮޑު ނަމަވެސް ލޭބަލްގައި "ހެލްތީ ޗޮއިސް" ނުވަތަ ސިއްހަތަށް ފައިދާ ވާ ތަކެތި ކަމަށް ލިޔެފައި ހުންނަ ޕްރޮޑަކްޓަތައް ގިނަ މީހުން ގަންނަނީ އެހެން ވެގެންނެވެ. ނަމަވެސް ސުވާލަކީ އެއީ ހަމަ އެންމެ ރަނގަޅު ތަކެތި ތޯ އެވެ؟

ކާބޯތަކެތީގެ ލޭބަލްގައި އެއީ ސިއްހަތަށް ފައިދާ ހުރި ތަކެތިކަމަށް ލިޔެފައި ހުރުމަކީ މާކެޓް ކުރުމަށް އެ އުފައްދާ ކުންފުނިތަކުން ކުރާ ކަމެކެވެ. އެއީ އަދި އެންމެ ރަނގަޅު މައުލޫމާތެއް ނޫނެވެ. ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ވިދާޅުވާގޮތުގައި ކާއެއްޗެއް ގަންނައިރު އެންމެ އިސްކަމެއް ދީގެން ބަލަން ޖެހޭނީ އެ އެއްޗެއް އުފެއްދުމަށް ޕްރޮސެސް ކޮށްފައިވާ މިންވަރަށެވެ.

"މިސާލަކަށް އިސްތިހާރު ކުރާ އެކައްޗެއް އޯގޭނިކް އެއްޗިއްސަކީ ރަނގަޅު އެއްޗެހި ކަމަށް. އެކަމަކު ގަންނައިރު ކޮންމެހެން ހަގީގަތުގައި ހެލްތީ ޖަހާފަ ހުންނަ ހުރިހާ އެއްޗެއް އެހެން އެއްޗިއްސަށްވުރެ ހެލްތީއެއް ނުވާނެ. މިސާލަކަށް ހެލްތީ ބިސްކެޓް ގޮތަށް ޖަހާފައި ހުރެދާނެ އެކަމަކު އޭގެ މާނައަކީ އެ ބިސްކޯދު ރަނގަޅެކޭ ނޫން. ހެލްތީ އޯޓްސް ބިސްކެޓް މިސާލަކަށް ޖަހައިފައި މިހުރީ. އޭގެ މާނައަކީ އެ އެއްޗެހި ޕާން އެއްޗިއްސަށް ވުރެ ރަނގަޅެއް ނޫނޭ،" މަޝްހޫރު ޑައިޓީޝަން އާސިޔާ ވަން އަށް ވިދާޅުވި އެވެ.

އެއީ ސިއްހަތަށް ފައިދާ ހުރިތަކެތިތޯ ބެލުމަށް އެންމެ އިސްކަން ދޭން ޖެހޭ ކަމަކީ ކާބޯތަކެތި ގަންނައިރު އޭގެ އިންގްރެޑިއަންޓް ލޭބަލްއަށް ބެލުމެވެ. ހަމައެކަނި ބޭރު ލޭބަލްއަށް ބަލައިގެން ނޭނގޭނެތީ އެވެ. އެހެން ކަމުން އެއީ ހެލްތީ ޗޮއިސްއެއްކަން ދެނެގަތުމަށް އެ އެއްޗެއް އުފައްދާފައި ހުރި ގޮތާއި އެއެއްޗަކަށް އަޅާފައި ހުރީ ކޮން އެއްޗެއްކަން އިންގްރެޑިއަންޓް ލޭބަލް އިން ދެނެގަންނަން ޖެހެ އެވެ.

"އިންގްރެޑިއަންޓް ލޭބަލްއަކީ ނުވަތަ އިންގްރެޑިއަންޓް ލިސްޓަކީ އެ ކާބޯއެއްޗެއް ތައްޔާރު ކުރާއިރު އެއަށް އަޅާފައި ހުންނަ ބާވަތްތައް. އޭގައި ބަޔާން ކޮށްފައި މި ހުންނަނީ އެއަށް އަޅާފައި ހުންނަ ބާވަތްތަކުގެ ބަރުދަނަށް ބަލައިފައި އެންމެ ކުރީގައި ހުންނާނީ އެންމެ ގިނަ ބާވަތްތައް، މިސާލަކަށް ބައެއް ކަހަލަ ކޮފީގެ ބާވްތަކުގައި އެންމެ ކުރީގައި މި ހުންނަނީ ހަކުރު. އެހެން ވެއްޖެއްޔާ އޭގެ މާނައަކީ އޭގައި އެންމެ ގިނައިން އެ ހުރީ ހަކުރޭ. ދެން އެއާ ޖެހިގެން މީގައި މިއިންނަނީ ޕާމް އޮއިލް ކަހަލަ އެއްޗެހި. އޭގެ މާނައަކީ ހަކުރާ ޖެހިގެން މިއަށް އެންމެ ގިނައިން އަޅާފައި މިހިރީ ތެލޭ،" ތަފްސީލް ދެއްވަމުން އާސިޔާ ވިދާޅުވި އެވެ.

"ޑީޓެއިލްސްއަށް ބަލަންޏާމު ފުރަތަމަ ބަލާނީ އިންގްރެޑިއަންޓްސް ލިސްޓަށް. އިންގްރެޑިއަންޓްސް ލިސްޓަށް ބަލާލީމަ އެނގޭނެ އެއަށް އަޅައިފައި ހުންނަ އެއްޗެހި. ދެން ބަލާލާނީ ނިއުޓިޝަން ފެކްޓްސް ޕެނަލްއަށް. އޭގެން އެނގޭނެ އޭގެ ކޮންމެ ނިއުޓިޝަންއެއް ހިމެނޭ ވަރު."

ކެންސަރުން ސަލާމަތްވެ ހުރުމަށްޓަކައި މަހުގެ ބާވަތްތައް ބަންދު ކޮށްފައި ހުންނަ ތަކެއްޗަށް ނައިޓޯސޯ ކޮންފައުންޑްސް އަޅާފައިވާ މިންވަރަށް ވެސް ހާއްސަ ސަމާލު ކަމެއް ދިނުމަށް އާސިޔާ އިލްތިމާސް ކުރައްވަ އެވެ.

"މީގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ނައިޓޯސޯ ކޮންޕައުންޑްސްއަށް. މިއީ ދަޅުގައި ނުވަތަ ފުޅީގައި ބަންދުކޮށްފައި ކަނޑު މަހުގެ ނުވަތަ އެއްގަމު ބާވަތްތައް ބަންދު ކުރާއިރު އެއަށް އަޅާފައި ހުންނަ ކެމިކަލްއެއް. މީތި އިންގްރެޑިއަންޓް ލިސްޓްގައި އިންނާނީ ސޯޑިއަމް ނައިޓްރައިޓްގެ ނަމުގައި. ނުވަތަ އީ250ގެ ނަމުގައި. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކެންސަރު ޖައްސާ މާއްދާތަކުގެ ތެރޭގައި އެންމެ ކުރީގައި ހިމެނޭ ބާވަތްތައް. މި ބާވަތްތައް އާއްމުކޮށް އަޅައިފައި ހުންނާނީ ބަހުގެ ބާވަތްތައް ޕޮރޮސެސް ކުރުމުގައި،" އާސިޔާ ވިދާޅުވި އެވެ.

ދިވެހީންގެ ތެރޭގައި ވެސް ހަކުރު ބަލި މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުރިން މެދު އުމުރާއި ދުވަސްވީ މީހުންގެ ތެރޭގައި އާއްމު އެ ބަލި މިހާރު މިވަނީ ޒުވާނުންގެ ތެރޭގައި ވެސް އާއްމު ވެފަ އެވެ. އެ ބަލި ޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން "ޝުގާ ފްރީ" ޕްރޮޑަކްޓްތަކުގެ ނަމުގައި އެއްޗެހި ވިއްކުން ވެސް މިވަނީ އާއްމު ވެފަ އެވެ. ސުވާލަކީ އެއީ ހަމަ ހަކުރު ބަލި ހުންނަ މީހުންނާއި އެ ނޫން މީހުން ވެސް ބޭނުން ކުރަން ރަނގަޅު ތަކެތި ތޯއެވެ؟

"ޝުގާ ފްރީއޭ ޖަހާފަ ހުންނަ ހުރިހާ އެއްޗިއްސަކީ ރަނގަޅު އެއްޗިއްސެއް ނޫން. މިސާލަކަށް ބިސްކޯދު ކަހަލަ އެއްޗެހި ކަމަށް ވަންޏާ އޭގަ ވަރަށް ގިނައިން ހުންނާނެ ޓްރާންސްފެޓް ކަހަލަ އެއްޗެހި. ދެން އަނެއް ކަމަކީ ބިސްކޯދު އެއީކީ ސިއްހީ ގޮތުން އެހާ ރަނގަޅު އެއްޗެއް ނޫން. ބިސްކޯދަކީ ޕްރޮސެސްކޮށްފައި ހުންނަ އެއްޗެއް. ފުށުގެ ބާވަތްތައް ރިފައިންކޮށްގެން ހަދާފައި ހުންނަ އެއްޗެއް އަނެއްކާ އޭގެ ތެރެއަށް ފެޓްގެ ކޮންމެވެސް ބާވަތެއް އަޅައިގެން މިހުންނަނީ ބިސްކޯޑް އުފައްދާފައި،" އާސިޔާ ވިދާޅުވި އެވެ.

ލޭބަލްގައި ހިމެނޭ ތަފްސީލީ މައުލޫމާތުތަކަށް ބަލާއިރު ވެސް އެއީ ސިއްހަތައް ފައިދާ ހުރި އެއްޗެއްތޯ ބެލުމުގައި އެކި ބާވަތްތަކުގެ ތަކެއްޗަށް ބަލަން ޖެހޭނީ އެކި މިންގަނޑުންނެވެ. ތިރީގައި މިވަނީ ތަޖުރިބާ އާއި ތައުލީމުގެ އަލީގައި އާސިޔާ ދެއްވި ޖަވާބުތަކެވެ.

* ގޮވާމާއި ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ސިއްހަތަށް ފައިދާ ހުރި ތަކެތި ދެނެގަންނާނީ ކިހިނެއް؟

"އޭގެން ބަލައިލާނީ އެންމެ ކުޑަކޮށް ޕްރޮސެސް ކޮށްފައި ހުންނަ އެއްޗިއްސަށް. އޭގެ ތެރޭގައި ފާހަގަކޮށްލެވޭނެ ގޮވާމާއި ފަލަމަޑީގެ މާބަތްތައް ކަމަށް ވަންޏާ ރަތް ހަނޑުލު ބަތް، މުށި ހަނޑޫ ކަހަލަ އެއްޗިއްސަށް. އޭގެން ވެސް އެންމެ ކުޑަކޮށް ޕްރޮސެސް ކޮށްފައި ހުންނަ އެއްޗެހި. ފުށުގެ ތެރެއިން ވެސް އާޓާ ފުށް އެއްޗެހި އެންމެ ޕްރޮސެސް ނުކޮށް ހުންނަ އެއްޗެހި. އެ އެއްޗެހި އެންމެ ރަނގަޅު ވާނީ،" އާސިޔާ ވިދާޅުވި އެވެ.

* މަހުގެ ބާވަތްތައް ވެސް ބަންދުކޮށްގެން ވިއްކަން ހުރޭ، އޭގެން އެންމެ ރަނގަޅު ބާވަތަކީ ކޮބާ؟

"މަހުގެ ބާވަތްތަކަށް ބަލައިލާއިރު އަޅުގަނޑުމެން ދިވެހިންނަށް ލިބެން މިހުންނަނީ ބަރާބަރަށް ފަރުމަސް ލިބެން، ކަނޑުމަސް އެއްޗެހި ތާޒާކޮށް ލިބެން. އެހެންވީމަ ފިހާރަތަކުގައި ދަޅުދަޅުގައި ބަންދުކޮށްފައި ހުންނަ އެއްޗިއްސާ އަޅައި ބަލާއިރު އެ އެއްޗެހި މާ ރަނގަޅުވާނެ. ބޭރުން ޕެކެޓް ކޮށްގެން މިގެންނަ ސޮސެޖް ނުވަތަ ލަންޗްއެންޑްމީޓް ކަހަލަ އެއްޗިއްސަށް ވުރެ ދިވެހިންނަށް ލިބެން މިހުންނަ މަސް ދަޅު މާ ރަނގަޅު ވާނެ،" އާސިޔާ ވިދާޅުވި އެވެ.

* މޭވާ އާއި ތަރުކާރީވެސް ބަންދުކޮށްގެންނާއި ބަންދު ނުކޮށް ވިއްކަން ހުރޭ، އޭގެން އެންމެ ރަނގަޅީ ކޮން ވައްތަރުތަކެއްތޯ؟

"އެންމެ ރަނގަޅު ވާނީ ވަރަށް ތާޒާ ކަމާއެކު ގަހުން ނުވަތަ ދަނޑުން ލިބެން ހުންނަ މޭވާ ނުވަތަ ތަރުކާރީ. އެކަމަކު މީގައި އެބަ ވިސްނާލަން ޖެހޭ ފްރޯޒެން އެއްޗެހިތޯ ނުވަތަ ފްރެޝް އެއްޗެހިތޯ ރަނގަޅީ. ބަލައިލާއިރު ފްރެޝް އެއްޗެހި މިސާލަކަށް މާކެޓްގައި އެބަ ހުރޭ ވަރަށް ގިނަ ދުވަސް ވަންދެން ހުންނަ އެއްޗެހި. އެހެން ވެއްޖެއްޔާ އެ އެއްޗެހީގެ ކޮންމެވެސް ވަރަކަށް ނިއުޓިޝަން ލޮސްއަކަށް ހިނގައިދާނެ. އެހެން ވެއްޖެއްޔާ އެއަށްވުރެ ރަނގަޅު ވާނެ ފްރޯޒެން އެއްޗެހި. ފްރޯޒެން އެއްޗިއްސަކީ ތާޒާކަމާއެކު ގަނޑުކޮށްފައި ހުންނަ އެއްޗެހި. ދަޅުދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ ތަރުކާރީއަށްވުރެ ތަންކޮޅެއް ފެންވަރު ދަށްވާނެ އެކަމަކު ނުކެއުމަށްވުރެ މި ރަނގަޅު ވާނެ،" އާސިޔާ ވިދާޅުވި އެވެ.

*ޖަނަވާރު ގެންގުޅުން ރާއްޖޭގައި އާންމު ނުވުމުން ތާޒާ ކިރު ހޯދުން އެއީ ފަސޭހަ ކަމެއް ނޫން ދެއްތޯ؟ ކިރުގެ ޕްރޮޑަކްޓްތައް އެކި ގޮތްގޮތަށް ވިއްކަން ހުންނައިރު އެތަނުން އެންމެ ރަނގަޅު ޕްރޮޑަކްޓްތަކަކީ ކޮބާތޯ؟

"ކިރުގެ ބާވަތްތަކަށް ބަލައިލާއިރު ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަ ގޮތުން ހިކި ކިރަށްވުރެ ދިޔާ ކިރު މާ ރަނގަޅޭ. ހިކި ކިރަށް ވުރެ ދިޔާ ކިރު ރަނގަޅު ވަނީ އެއީ އިތުރު ޕްރޮސެސްއަކާ ނުލައި މިސާލަކަށް ޕޮސްޗްރައިލް ކޮށްފައި ގެނެސްފައި ހުންނަ އެއްޗެހި ވެއްޖެއްޔާމު އެގޮތަށް ރަނގަޅު. އެކަމަކު ރާއްޖޭގައި ހުންނަ ވަރަށް ގިނަ ވައްތަރުގެ ދިޔާ ކިރަކީ ފެކްޓްރީގައި ހިކި ކިރުގެ ތެރެއަށް ފެން އަޅައިގެން އުފައްދާފައި ހުންނަ ދިޔާ ކިރު." އާސިޔާ ވިދާޅުވި އެވެ.

*ދިވެހީންގެ ކެއުމުގައި ވެސް އާއްމުކޮށް ތެޔޮ އެބަ ބޭނުން ކުރޭ، ތެލަކީ ނުރައްކާތެރި ބާވަތެއް ކަމަށް ބުނާތީ ސިއްހަތަށް ފައިދާ ހުރި ތެލުގެ ނަމުގައި އެބަ ތެޔޮ ވިއްކާ، އެ ވައްތަރުގެ ތެޔޮތައް ސިއްހަތަށް ރަނގަޅު ތޯ؟

"ތެލުގެ ބާވަތްތަކަށް ބަލާއިރު އެބަ މަޝްހޫރު ކުރޭ ކޮލެސްޓްރޯލް ފްރީ ޖަހައިގެންނާއި ކޮލެސްޓްރޯލް ފްރީ ނުޖަހާ ވެސް. އޭގެ ތެރެއިން ކޮލެސްޓްރޯލް ފްރީ ނުޖަހާ އެބަ ހުރޭ ހަމަ ކޮލެސްޓްރޯލް ހުރެގެން ނުވާނެ ބާވަތްތައް. ހަމަ ވަރަށް ގިނަ ފަހަރަށް އެބަ އަޑުއިވޭ ކޮލެސްޓްރޯލް މައްޗަށް ދާން ފެށީމަ ކޮލެސްޓްރޯލް ފްރީ ޖަހައިފައި ހުންނަ އެއްޗިއްސޭ ބޭނުން ކުރަން ޖެހޭނީ. ދިސް އިސް ޓޯޓަލީ ރޯންގް. އެއީ ރަނގަޅު މައުލޫމާތެއް ނޫން." އާސިޔާ ވިދާޅުވި އެވެ.

"ބައެއް ތެލުގެ ބާވަތްތަކަށް ބަލައިލާއިރު އެބަ ހުރޭ ވާޖިން، އެކްސްޓްރާ ވާޖިން، މިގޮތަށް ލޭބަލް ކޮށްފައި. އަސްލު ހަގީގަތުގައި ނިއުޓިޝަނަލީ ބަލާލާއިރަކު ވަކި ވާޖިން ވެގެން ވަކި އެކްސްޓްރާ ވާޖިން ވެގެނެއް ސިއްހީ ގޮތުން ވަކި ރަނގަޅެއް ނުވޭ."

*ޖޫސް ޕެކެޓްތަކުގެ ބޭރުގައި އެއީ ހަމައެކަނި މޭވާއިން އުފައްދާފައި ހުންނަ ތަކެތި ކަމަށް ލިޔެގެން ވެސް އެބަ ވިއްކާ، އެފަދަ ޖޫސް ބޭނުން ކުރުން ރަނގަޅު ތޯ؟

"ޖޫސް މިސާލަކަށް 100 ޕަސެންޓް ޖޫސް ވިޔަސް ޖޫސް ވިއްޔާ ވާނީ ޖޫހަށް. އެ ބަލާނީ ހަމަ ހަކުރުގެ ގޮތުގައި އެހެންވެއްޖެއްޔާ ޖޫސް ވިއްޔާ އެ ނުބަލާނެ މޭވާއެއްގެ ގޮތުގައެއް. އެ ހަމަ ހަކުރުގެ ގޮތުގައި ބަލައިފައި މިސާލަކަށް 100 ޕަސެންޓް ޖޫސް ޖަހައިފައި އިނަސް ހަކުރު މައްޗަށް ދާ މީހުންނަށް އަދި އަމުދުން ރަނގަޅެއް ނުވާނެ،" އާސިޔާ ވިދާޅުވި އެވެ.

*ބަރުދަން ލުއިކުރުމަށް ނުވަތަ ސިއްހަތަށް ބެލުމުގެ ގޮތުން ކެލޮރީސް މަދު ތަކެތި ކެއުމުގައި ބޭނުން ކުރުމަށް ގިނަ ދިވެހިންތަކެއް ވެސް އިސްކަން ދޭ، އެ އެއްޗެއްގައި ކެލޮރީސް މަދުނަމަ އެއީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްތޯ؟

"ޒީރޯ ކެލޮރީ ކުރުން ނުވަތަ ލޯ ކެލޮރީ ކުރުން އެއީ ހިކެން ކޮންމެހެން ކުރެވޭ މަސައްކަތެއް ނޫން. ލޯ ކެލޮރީ ކުރަން ޖެހޭ ބަޔަކު އެބައުޅޭ. އެއީ ޑައިޓީޝަނަކު ވަރަށް ބޮޑަށް އެސެސް ކުރުމަށް ފަހުގައި ޑިސައިޑް ކުރާނީ. ޒީރޯ ކެލޮރީ ނުވަތަ ލޯ ކެލޮރީ އެއްޗެހި ބޭނުން ކުރުމަކީ ހައްލަކަށް ނުވާނެ. އެއީ ވަރަށް ބޮޑު ގޯހެއް." އާސިޔާ ވިދާޅުވި އެވެ.

ޕްރޮޑަކްޓްތައް އިސްތިހާރު ކުރުމަށް ބޮޑުކޮށް ލިޔެފައި ހުންނަ ލޭބަލްއަށް އެކަނި ބަލައިގެން ސިއްހަތަށް ފައިދާ ހުރިއެއްޗެއްކަން ނުވަތަ ނޫންކަން ދެނެއެއް ނުގަނެވެ އެވެ. ތަފްސީލީ ގޮތަކަށް ލޭބަލްއަށް ބަލައި ކިޔަން ޖެހެ އެވެ.