ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހުން ބަންދަށް ހަތް ދުވަސް ޖަހައި، ކުރިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
ރާއްޖޭގައި ހިންގަން ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، އެ އަމަލު ހިންގުމުގައި ހަރަކާތްތެރިވި މީހުން ހައްޔަރު ކުރުމަށް ފުލުހުން ވަނީ މިމަހު 11 ގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ތ. ތިމަރަފުއްޓާއި މާލެ އަދި މާލެ އަތޮޅު ކަނޑުމަތީގަ އެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ވަނީ ތިމަރަފުށިން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 34 ދިވެހި ފިރިހެނެއް ހައްޔަރުކޮށްފަ އެވެ. އަދި މީގެ ކުރިން ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ހައްޔަރުކުރި ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޓެރަރިޒަމްގެ އަމަލުތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މީގެ ކުރިން ވެސް ސިފައިންނާ ގުޅިގެން ފުލުހުން ވަނީ އޮޕަރޭޝަންތައް ހިންގައިފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ވަނީ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު