ރަޝިއާގެ އަޒުރު އެއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.
އަޒުރު އެއާއަކީ ރަޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށި އެގައުމުގެ ދެވަނަ އެއާލައިނެވެ. ރަޝިއާގެ ވެރިރަށް މޮސްކޯ އާއި މާލެއާ ދެމެދު ފުރަތަމަ ދަތުރުތައް ފެށީ އެގައުމުގެ ގައުމީ އެއާލައިން، އެއިރޯފްލޮޓުންނެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސެއިން ވިދާޅުވީ، މިއަދު އައި އަޒުރު އެއާގެ ފުރަތަމަ ފްލައިޓުން 521 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން މޮސްކޯ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު އެއް ފްލައިޓް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް 17 އެއާލައިނަކުން އަންނަނީ ދަތުރު ކުރަމުންނެވެ.
އެއީ އެއިރޯފްލޮޓާއި އަޒުރް އެއާގެ އިތުރުން ބްރިޓިޝް އެއާވޭސް، އެޑެލްވެއިސް، ލުފްތަންސާ، އޮސްޓްރިއަން އެއާލައިންސް، ޓާކިޝް އެއާލައިންސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގޯއެއާ، އިންޑިގޯ، އެއާ އިންޑިއާ، ސްރީލަންކަން އެއާލައިންސް އަދި ސްޕައިސް ޖެޓެވެ.
އޭގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން އިތުރު ނުވަ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނޯޑްވިންޑް، އެއާ ސީޝެލްސް، އަލިޓާލިއާ، އެއާ ފްރާންސް، ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިންސް، ނިއޯސް ސްޕާ، ގަލްފު އެއާގެ އިތުރުން ރޮސިޔާ އެއާލައިން އަދި އެއާ އަސްތާނާ އެވެ.
ރަޝިއާ އާއި ރާއްޖެއާ ދެމެދު ދެ އެއާލައިނަކުން ދަތުރުތައް ބާއްވާއިރު، ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް ރަޝިއާ އިންނެވެ. އެގޮތުން ޖުލައި 15 އިން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން އެކަނި 14،855 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު