ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

އެ އެވޯޑް ލިބުނުކަން އިއުލާން ކޮށްފައިވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، އެ އެވޯޑް ރާއްޖެއިން ހާސިލްކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެން ކަމަށެވެ. ރާއްޖެއާ ވާދަކުރި އެހެން މަންޒިލްތަކުގެ ތެރޭގައި ދުބާއީ، މެލޭޝިއާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާ ހިމެނެ އެވެ.

މީގެ 27 އަހަރު ކުރިން، 1993 ގައި ދޭން ފެށި ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ ވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެވެ.

އެމްއެމްޕީއާރުސީން ބުނީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެފަދަ ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް ލިބުމަކީ މުޅި ގައުމާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު މުހިންމު ކާމިޔާބެއް ކަމަށެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އެ އެވޯޑް ލިބުމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު އެ މަންޒިލްކަން ކަމަށެވެ. އަދި އެފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެއަށް ލިބިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި އެފަދަ އުދަނގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކާއި އެމްއެމްޕީއާރުސީއާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގެންދަން ކުރި މަސައްކަތުންކަން ފާހަގަކުރެއްވި އެވެ.

ރާއްޖެއަށް ވޯޓް ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖެއަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމުގެ އަސްލަކީ ދާއިރާގެ އެންމެހާ ފަރާތްތަކުން ކުރެއްވި މިންނެތް މަސައްކަތް ކަމަށެވެ.

"މިފަދަ ދަތި ދަނޑިވަޅެއްގައި ރާއްޖެއަށް މިހާ ޝަރަފުވެރި އެވޯޑެއް އަދި ހާއްސަކޮށް ފުރަތަމަ ފަހަރަށް ހާސިލްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންނަށް ވޯޓް ދެއްވި ހުރިހާ ފަރާތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރެއްވި މިންނެތް މަސައްކަތަށް ޝުކުރު ދަންނަވަން. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެންނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވައި އަޅުގަނޑުމެންނަށް ދެއްވެވި ހިތްވަރަށް ވެސް ޝުކުރު ދަންނަވަން،" ތައްޔިބު ވިދާޅުވި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވި އެވެ. އަދި ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގައި އަށް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ.

އޭގެ އިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓް ވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތް ދޭ ތަންތަން ވަނީ ވާދަކޮށްފަ އެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެ ވަނީ ހަތަރު އެވޯޑެއް ކާމިޔާބު ކޮށްފަ އެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ކުރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ކާމިޔާބުވި މިއީ 13 ވަނަ ފަހަރެވެ. އަދި އެ އެވޯޑް ދެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.