ޚަބަރު

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އާމްދަނީ ހޯދާނެ ގޮތެއް ނޭނގިގެން ހުށަހަޅާފައިވާ ބިލެއް: އިދިކޮޅު

އަލީ އަފާފް ރަމީޒު

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ދައުލަތަށް އާމްދަނީ ހޯދާނެ ގޮތެއް ނޭނގިގެން ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ހުޅުމާލެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސަރުކާރަށް އާމްދަނީ ހޯދާނެ ގޮތެއް ނޭނގިގެން، "ޑެސްޕަރޭޓް" ވެގެން ހުށަހަޅާފައިވާ އިސްލާހީ ބިލެއް ކަމަށެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހާ ހިސާބަށް އައިސްފައި އޮތް ބިލަކީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް. ސަރުކާރަށް އާމްދަނީ ހޯދާނެ ގޮތެއް ނޭންގިގެން، އިނގިރޭސި ބަހުން ދަންނަވާކަމަށް ވަނީނަމަ ޑެސްޕަރޭޓް ވެގެން ގެނެސް އޮތް ބިލެއް އަޅުގަނޑުމެންނާ ހިސާބަށް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެ ބިލުގައި ރާއްޖޭގެ ބިންތައް ވިއްކަން މޮޅެތި ނަންތައް ދީފައިވާ ކަމަށާއި އެއީ ހަމައެކަނި އެ ވަގުތަށް ދައުލަތަށް އާމްދަނީ ލިބިގެންދާނެ މޮޑެލެއް ކަމަށެވެ. އެ ބިންތައް ވިއްކައިގެން ދައުލަތަށް ފަހުން އެއްވެސް އާމްދަނީއެއް ލިބިގެން ނުދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަގުތީ ފައިދާއަކަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މި ސަރުކާރު ފަސް އަހަރު ދުވަހަށް ދެމިއޮވެއްޖެނަމަ އަންނަން އޮތް ޖީލުތަކަށް މި ގައުމު ހަވާލުކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

"މިއީ ޑެސްޕަރޭޝަން ލެވެލް ހުރި ހިސާބު. މިވަގުތު ބޭނުންވަނީ ފައިސާކޮޅެއް. މާދަމާ އަޅުގަނޑުމެން އަންނަން އޮތް ދަރިންނަށް މިގައުމު ހަވާލުކުރެވޭނެ އެއްވެސް އުންމީދެއް އަޅުގަނޑުމެންނަކަށް ނެތް މި ސަރުކާރު ފަސް އަހަރަށް އޮވެއްޖެނަމަ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ވެރިކަމަށް އަންނާނެ ކަމަށާއި މިހާރު ތަސްދީގުކޮށްފައިވާ ހުރިހާ ބިލެއް އެފުށް މިފުށަށް ޖަހާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިހާރުވެސް 15.5 ބިލިއަން ރުފިޔާގެ ދަރަނިވެރިވެފައި އޮތް ކަމަށާއި މި ސަރުކާރުން ފާސްކުރާ ބަޖެޓުތައް އަބަދުވެސް އޮންނަނީ އަހަރު ނިމޭއިރު، ދަރަނި ދެގުނަވެފައި ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު ދަރަނި 30 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު ގައުމުގެ އުފެއްދުންތެރިކަން ހުރީ ކުންފުންޏެއް ނަމަ ބަނގުރޫޓުވެގެން ތަޅުލާ ހިސާބުގައި ކަމަށާއި ދައުލަތުގެ ދަރަނި އޮތީ އަތުނުވާ ހިސާބުގައި ކަމަށެވެ.