ކޮވިޑް ކޮންޓްރޯލްކުރުމަށް 14 ދުވަހުގެ ކަރަންޓީނަކީ އެންމެ ފުރިހަމަ މުއްދަތު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކަރަންޓީންގެ އުސޫލުތަކާ އެއްގޮތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކަރަންޓީނިގެ މުއްދަތު މަދުކޮށްފިނަމަ ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ފަސް ދުވަހަށް ކަރަންޓީންގެ މުއްދަތު ކުޑަކޮށްފިނަމަ ދެނެގަނެވޭނީ ކޮވިޑް ޖެހިފައި ތިބި 55 ޕަސަންޓް މީހުން ކަމަށާއި 14 ދުވަހުގެ ކަރަންޓީނުން 99 ޕަސަންޓް މީހުން ދެނެގަނެވޭނެ ކަމަށާއި އެހެންކަމުން 14 ދުވަހުގެ ކަރަންޓީނަކީ ކޮވިޑް ކޮންޓްރޯލްކުރުމަށް އެންމެ ފުރިހަމަ މުއްދަތު ކަމަށް ވިދާޅުވިއެވެ.

"އޭގެ މާނައަކީ 100 މީހުން ޕޮޒިޓިވްވާއިރު ހައިރިސްކް 45 މީހުން ދޫވެގެންދާނެއޭ. ފަސްވަނަ ދުވަހު އެމީހުން ދޫކޮށްލާނަމަ ޓެސްޓު ހަދާފައި. ހަތްވަނަ ދުވަހު އެމީހުން ދޫކޮށްލާނަމަ 80 ޕަސަންޓް މި ދެނެގަނެވެނީ. އޭގެ މާނައަކީ 100 އަކުން 20 މީހުން ދޫވެގެން އެބަ ދެއޭ ނޭނގި. ދެން 11 ވަނަ ދުވަހު ޓެސްޓު ހަދަނަމަ 97 ޕަސަންޓް ދެނެގަނެވޭނެ. އޭގެ މާނައަކީ 100 އަކުން ތިން މީހުން ދޫވެގެން އެބަދެއޭ. ދެން 14 ދުވަހު އަޅުގަނޑުމެން މި ހަނދާގޮތުން ހަދައިފިނަމަ 99 ޕަސަންޓް އެބަ ކަވާކުރެވޭ. އޭގެ މާނައަކީ ގާތްގަނޑަކަށް އެކަކު ނޭނގި ހިނގައިދާނެއޭ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ޗައިނާ، ނިއުޒީލެންޑް، މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް އަމަލު ކުރަމުން އަންނަނީ 14 ދުވަހުގެ ކަރަންޓީނަށް ކަމަށެވެ.

ބައެއް ގައުމުތަކުގައި ކަރަންޓީންގެ މުއްދަތު މަދުކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، އެގައުމުތަކުގައި ކަރަންޓީންގެ މުއްދަތު މަދު ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ބައިވަރު އެހެން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީންވާން ޖެހެއެވެ. އަދި ހާއްސަ ހާލަތްތަކުގައި ނޫނީ މާލޭ ސަރަހައްދުން އަތޮޅުތެރެއަށް ދާ މީހުންވެސް 14 ދުވަސް ކަރަންޓީންވާން ޖެހެއެވެ. މީގެ އިތުރުން ކޮވިޑް ޖެހިއްޖެނަމަ އަދި ކޮންޓެކްޓް ވެއްޖެ ނަމަވެސް 14 ދުވަސް ކަރަންޓީނުގައި މަޑުކުރަން ޖެހެއެވެ.