ޚަބަރު

ހަ ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފި

އަލީ ޔާމިން

1

ހަ މެޖިސްޓްރޭޓު ކޯޓަކަށް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ފަނޑިޔާރުން މިއަދު މަގާމުގެ ހުވާކުރައްވައިފިއެވެ.

ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޖޭއެސްސީގެ އިދާރާގައެވެ.

ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ގދ. ތިނަދޫ، ރ. މަޑުއްވަރީގެ އިތުރުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ކުޅުދުއްފުށި ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކޮށްފައިވަނީ އެރަށު ނޫރަންގޭ، މުހައްމަދު އިސްމާއީލެވެ. މުހައްމަދު އިސްމާއީލް ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ. އޭނާ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ.

ށ. ފުނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކޮށްފައިވަނީ ގ. ނޫމަރާވިލާ، ޝީރީން ނާހިދާ ލަތީފެވެ. ޝީރީން ނާހިދާ ލަތީފަކީ މައުހަދުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ފަނޑިޔާރުކަމުގައި ތިން އަހަރު ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކޮށްފައިވަނީ ށ. މަގޫދޫ، ހަވީރީނާޒު، އާދަމް ސަލީމެވެ. އާދަމް ސަލީމް ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައިވަނީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިންނެވެ. އޭނާ މީގެ ކުރިން ހުންނެވީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުގައެވެ.

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކުރީ ގއ. ގެމަނަފުށީ، އެތުމާގެ އަހުމަދު އާދަމެވެ. އޭނާއަކީ ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާޒް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އާދަމް ވަނީ ރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރައްވައިފައެވެ.

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރީ ތ. މަޑިފުށި، ސިގްނަލްގެ، އަކްރަމް ރަފީއުއެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައިވާ އަކްރަމް ރަފީއު މީގެކުރިން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރީ ސ. މަރަދޫފޭދޫ، މެރީވިލާ، މުހައްމަދު އަފީފެވެ. މުހައްމަދު އަފީފަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން އިސްލާމިކް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ހުންނެވީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ހިތަދޫ ކެމްޕަސްގެ ލެކްޗަރާއެއްގެ މަގާމުގައެވެ.