ޚަބަރު

ފޯކައިދޫ ހޯމް ކަރަންޓީނުން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 14 މީހަކު

އަލީ އަފާފް ރަމީޒު

ށ. ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި އަންހެނަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި 14 މީހަކު ހިމެނޭ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު "ވަން" އަށް ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި, އުމުރުން 21 އަހަރުގެ އަންހެނަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ކަރަންޓީނުގައި ހުރި ދުވަސްވަރު ރަށްޓެހިންނާއި އާއިލާގެ ފަރާތްތަކާވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

"އޭނާގެ އާއިލާއިން ބުނީ އެ ކުއްޖާއާ އާއިލާގެ އެހެން މެންބަރުންނާވެސް ބައްދަލުވެފައިވާ ކަމަށް. އުސޫލާ ހިލާފަށް، ޖަހާފައިވާ ޕާޓްޝަނުން ބޭރަށް ނުކުމެ އާއިލާގެ މެންބަރުންނާއެކު ގާތްކޮށް އުޅުނު ކަމަށް،" ރާޝިދު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އޭނާ ކަރަންޓީނުގައި ހުރީ އޭނާގެ އާއިލާގެ ގެއެއްގައި ކަމަށާއި އެ ގޭގައި އިތުރު އަށް މީހަކު ދިރިއުޅޭ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. އަދި އޭނާ ކަރަންޓީނުގައި ހުރި ދުވަސްވަރު އެގެއިން ބޭރުން ހަ މީހަކުވެސް ގޮސްފައިވާ ކަމަށް ރާޝިދު ވިދާޅުވިއެވެ.

"ބޭރުން ހަ މީހަކު އެގެއަށް ދިޔަ ކަމަށް އެ އާއިލާއިން ބުނޭ، އެ އެންމެންވެސް މިހާރު ވަނީ ކަރަންޓީން ކޮށްފައި. އެ ގޭގައި އުޅޭ އިތުރު އަށް މީހުން. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ. އެހެންވީމަ މުޅި ޖުމްލަ 14 މީހުން ކޮންޓެކްޓުންގެ ގޮތުގައި އެބަ ހިމެނޭ. އެ އެންމެންވެސް މިހާރު ވަނީ ކަރަންޓީންކޮށްފައި،" ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ އެ އަންހެން މީހާ ކަރަންޓީނަށް ރަށަށް ދިއުމުގެ ކުރިން އެ ގެއަކީ ކަރަންޓީނު ކުރަން ރަނގަޅު ގެއެއްތޯ ބަލައި ޗެކް ކުރެވުނު ކަމަށެވެ. އަދި އެގޭގައި އުޅޭ އެހެން މީހުންނާ ވަކިން ބެހެއްޓުމަށް ޕާޓްޝަން ޖަހައި ވަކި ކޮށްފައިވާ ކަމަށެވެ.

ރާޝިދު ވިދާޅުވީ ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާތީ އެކަން ބަލަމުން އަންނަ ކަމަށާއި އެފަރާތްތައް ޖޫރިމަނާ ކުރުމުގެ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ޓާސްކްފޯސް އިން ގޮސް ވަރަށް ރަނގަޅަށް ގެ ބެލިން. ޕާޓްޝަން ޖަހައި ވަކި ކޮށްފައި ހުރީ. ނަމަވެސް ޕާޓްޝަންގެ އަނެއް ފަރާތަށް އެ އަންހެން މީހާ ދާނެ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ ދެއްތޯ. އެ ގޭގައި އުޅޭ މީހުން ބުނީމަ އެނގުނީ. ދެން އުސޫލުތަކާ ހިލާފުވެފައި ވާތީ ޖޫރިމަނާ ކުރުމުގެ ކަންކަން ކުރެވެމުންދަނީ،" ރާޝިދު ވިދާޅުވިއެވެ.