އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އެއްްބަސްވެ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު ޕްލީ ބާގެއިން އެއްބަސްވުމެއް ހަދައި ޖޮއިންޓް ތަހުގީގަށް އެއްބާރުލުން ދޭން ނިންމައިފި އެވެ.
ޒިޔަތު މިގޮތަށް ނިންމިކަމަށް ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ޅ. މާބިންހުރާގެ މައްސަލައިގައި، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި އަށް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނިކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުކުރުމުން މިއަދު ބޭއްވި އެ މައްސަލައިގެ އަޑު އެހުމުގައެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ އަޑު އެހުން ފައްޓަވަމުން، ތިން ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރުގެ ގޮތުގައި އިންނެވި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ، މިއަދުގެ އަޑުއެހުމަކީ، ޒިޔަތުގެ ފަރާތުން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވެ، އެކަމަށް އެދި މިމަހުގެ 19 ވަަނ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައި ވާތީ، އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ބާއްވާ އަޑުއެހުމެއް ކަމަށެވެ.
އެއަށްފަހު، އެ މައްސަލަ ބޭނުންވޭތޯ، އާއި އެކަމުގައި އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް އޮތްތޯ، ފަނޑިޔާރު ޒިޔަތާ ސުވާލު ކުރެއްވިއެވެ. އަދި ޒިޔަތު ދޫކޮށްލަނީ، އިސްތިއުނާފީ ހަގެއްކަން އެނގޭތޯއާއި، އެކަމުން ނިކުންނާނެ ނަތީޖާ އެނގޭތޯވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ޒިޔަތު ބުނީ މައްސަލަ ނަގަން ނިންމީ ޕީޖީއޮފީހާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށާއި، އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެންނޫން ކަމަށެވެ.
ޒިޔަތުގެ ވާހަކައަށްފަހު، ޕީޖީ އޮފީހުގެ ފަރާތުން އެކަމަށް އިއުތިރާޒު ކުރޭތޯ، ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން، ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސިކިއުޓާ އައިމިނަތު ޝާމާ ނަސީރު ވިދާޅުވީ، އެކަމަށް ޕީޖީގެ ފަރާތުން އިއުތިރާޒު ނުކުރައްވާ ކަމަށާއި، ނަމަވެސް ޝަރީއަތަށް ސާފުކޮށްދޭން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން، މާބިންހުރާގެ ހިޔާނާތާގުޅޭ މައްސަލަ ހިމެނޭގޮތުން ޒިޔަތުގެ މައްޗަށް ހުށަހެޅިފައިވާ ހިޔާނާތުގެ މައްސަލަތަކަށް އޭނާ އިއުތިރާފްވެ އެމްއެމްޕިއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކުއްތަކާ ގުޅިގެން ކުރަމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދޭނެކަމަށްބުނެ ޕީޖީ އޮފީހަށް ޒިޔަތު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"މިސިޓީގައި ޒިޔަތުގެ ފަރާތުން އެދިފައިވާގޮތަށް ޒިޔަތާއެކު ޕީޖީ އޮފީހުން މަޝްވަރާ ކުރެވި މިމައްސަލަތަަކަށް، އިއުތިރާފްވާން ބޭނުންވާ ކަމަށާއި މިހާރު ހިނގަމުންދާ އެމްއެމްޕިއާރުސީގެ ތަހުގީގަށް އެއްބާރުލުންދޭން ބޭނުންވާކަމަށް ބުނެގެން މި ތަހުގީގުތައް މިހާރު ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ ފަރާތްތައް ކަމަށްވާ، ޕޮލިހާއި، އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން، އެ އިދާރާތަކުގެ މަޝްވަރާގެ މަތިން ޖިނާއި އިޖުރާތުގެ ގާނޫނުގެ 104 ވަނަ މާއްދާގައިބުނާ އިއުތިރާފްގެ އެއްބަސްވުމަށް ވާސިލްވުމަށްޓަކައި ދެކެވުނު ވާހަކަަތައް ލިއުމަށް ތިރިކޮށް އެއްބަސް ވުމަށް، ޕްރޮސިކިއުޓާ ޖެނެރަލް އާއި ޒިޔަތާއެކު މިވަނީ އާދެވިފައި،" ޕަބްލިކް ޕްރޮސިކިއުޓާ އައިމިނަތު ޝާމާ ނަސީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އެއްބަސް ވުމުގެ ދަށުން ކްރިމިންލް ކޯޓަށް ހުށަހަޅާފައިވާ 32 މައްސަލައަށް ވެސް އިއުތިރާފްވުމަށްފަހު އަނެއްކާ ސުޕްރީމް ކޯޓުގައި އެކަމަށް އިންކާރު ކުރުމަކީ، އަރާރުންވާނެ ކަމަކަށްވުންވެސް، ޒިޔަތު އެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، އެންމެ އިސް ދައުރެއް އަދާކުރި ފަރާތްތަކުގެ ތެރޭގައި ޒިޔަތު ހިމެނެއެވެ. އޭނާގެ އިތުރުން އެކަމުގައި އެންމެ އިސްކޮށް ހުންނެވި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުވެސް ވަނީ އެފަދަ އެއްބަސް ވުމެއް ޕީޖީއާއެކު ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު