"އޮޕްޝަނަލް ޕްރޮޓޮކޯލް ޓްދަ ކޮންވެންޝަން އޮންދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" ގައި ރާއްޖޭން ބައިވެރިވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
"ކޮންވެންޝަން އޮން ރަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" އަދީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު ރާއްޖެއިން ތަސްދީގު ކޮށްފައިވާ މުއާހަދާއެކެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓްދަ ކޮންވެންޝަން އޮންދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" އަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ލިބިދޭ ހައްގުތައް ރައްކާތެރި ކޮށްދިނުމާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް އެ މުއާހަދާ ފުރިހަމައަށް ތަންފީޒު ކުރުމަށާއި ބައިނަލް އަގްވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރު ކުރެވޭނެ ނިޒާމެއް އެކަށައެޅުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް އެކެވެ.
މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރުމަށްފަހު އެ މުއާހަދާގައި ބައިވެރިވާންވަނީ ނިންމައިފައެވެ.
އެހެން ކަމުން އެ މުއާހަދާގައި ރާއްޖޭން ބައިެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގެ ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ އެއްބަސްވުމެއް ނޫން ކަމަށެވެ.
މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާއިން ތައްޔާރު ކޮށްފައިވާ މައުލޫމާތު ކަރުދާސް މަޖިލީހަށް ފޮނުއްވި ކަމަށްވެސް އެ ސިޓީގައި ރައީސް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު މި ސިޓީ އިއްވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވަން ޖަލްސާގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ނިންމެވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް