މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކާގޯ ކްލަސްޓާ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 102 އަށް އަރާފައިވާ ކަމަށާއި 191 ކޮންޓެކްޓުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު، 15 ވަނަ ދުވަހު ތިން މީހަކު އަދި މިމަހުގެ 18 ވަނަ ދުވަހުވެސް ބަޔަކު ޕޮޒިޓިވްވިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެއާޕޯޓު ކާގޯ ކްލަސްޓާއިން މިހާތަނަށް 102 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 191 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

"191 ކްލޯސް ކޮންޓެކްޓުން އެ ކްލަސްޓާއާ ގުޅިގެން ފާހަގަކުރެވިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ކޭސްތަކާ ގުޅިގެން ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

އެއާޕޯޓުގެ ކާގޯ ޑިޕާޓުމަންޓުގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން އެޗްއީއޯސީގެ ހާއްސަ ޓީމެއް މިދިޔަ އަންގާރަ ދުވަހު އެއާޕޯޓުގެ ކާގޯ ޑިޕާޓުމަންޓަށް ޒިޔާރަތްކޮށް އެތަނުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރި ކަންކަމާއި ނެތް ކަންކަން ފާހަގަކޮށް ކޮވިޑުން ރައްކާތެރިވުމަށް އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލައިފައެވެ.