ކ. މާފުއްޓަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މާފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައިވަނީ ކޮވިޑް ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. މާފުށި މޮނިޓަރިންއަށް ލާފައިވަނީ މިއަދު މެންދުރު ފަހު 3:43 އިން ފެށިގެންނެވެ.

އެޗްޕީއޭ އިން ބުނީ އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ ރާއްޖެއިން ފުރުމުގެ ކުރިން ފަތުރުވެރިން ހަދަން ޖެހޭ ޕީސީއާރު ޓެސްޓުން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ކޮންޓެކްޓުން އެރަށުގައި ތިބުމުން ކަމަށެވެ. އަދި އެރަށް މޮނީޓަރިންއަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިމެންދެން ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މާފުށި މޮނިޓަރިންގެ ހާލަތަށް ލާފައިވާ އިރު، އެރަށުން ފަސް ފަތުރުވެރިއަކު މި މަހުގެ 12 ވަނަ ދުވަހުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ހުރިހާ ފަތުރުވެރިންވެސް އިއްޔެ ވަނީ އެ ބަލިން ރަނގަޅުވެފައެވެ.

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރަމުން އަންނަ މާފުށީގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލުމާއެކު ވަރަށް ގިނަ ފަތުރުވެރިން ވަނީ އެރަށަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ. އޭގެ ތެރެއިން ބައެއް ފަތުރުވެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިހާތަނަށް އެރަށަށް ދިޔަ ނުވަ ފަތުރުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.