ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 57 އަށް އަރާފައިވާ ކަމަށާއި 77 ކްލޯސް ކޮންޓެކްޓުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތެއް ކުރާ ޗައިނާގެ ދެ ކުންފުނީގެ ކްލަސްޓާގެ މީހުންނާއި އެމްއޭސީއެލް ކާގޯ ކްލަސްޓާގެ މީހަކު ހިމެނޭ ކަމަށެވެ.

އެމްއޭސީއެލްގެ ކާގޯ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންނާ ގުޅިގެން މިހާތަނަށް 77 މީހުން ދެނެގަނެވި ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެމްއޭސީއެލްގެ ކާގޯ ކްލަސްޓާއަށް ބަލައިލާ އިރު، މިހާތަނަށް ޖުމުލަ 57 ކޭސް ފެނިފައިވޭ. އެއީ މިއަދު ފެނުނު ކޭސް ލައިގެން މިވަގުތަށް 77 ކްލޯސް ކޮންޓެކްޓުން ޓްރޭސް ކުރެވި ކަރަންޓީނަށް ލެވިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެމްއޭސީއެލްގެ ކާގޯ ޑިޕާޓުމަންޓަކީ އެހެން ބައިވަރު ކުންފުނިތަކުގެ މުވައްޒަފުންވެސް އައިސްގޮސްވާ ތަނެއް ކަމަށާއި އެހެންކަމުން އަމިއްލަ ބައެއް ކުންފުނިތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެޗްއީއޯސީގެ ހާއްސަ ޓީމެއް މިދިޔަ އަންގާރަ ދުވަހު އެމްއޭސީއެމްގެ ކާގޯ ޑިޕާޓުމަންޓަށް ޒިޔާރަތްކޮށް އެތަނުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރި ކަންކަމާއި ނެތް ކަންކަން ފާހަގަކޮށް ކޮވިޑުން ރައްކާތެރިވުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށެވެ.

އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓުން މުވައްޒަފަކު ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.