މާލޭ ކައިރީގައި އޮތް ޔޮޓަކުން 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި މާލޭ ކައިރީގައި އޮތް ޔޮޓަކުން ޕޮޒިޓިވްވި 14 މީހަކު ހިމެނޭ ކަމަށެވެ.

"މާލޭ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި މީހުންވެސް ޕޮޒިޓިވްވެފައިވޭ. އެއީ 14 މީހުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޔޮޓަކުން ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި ނަމަވެސް އެއީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް ވިދާޅެއް ނުވެއެވެ. އަދި އެކަމުގެ އިތުރު ތަފްސީލެއްވެސް ނުދެއްވައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 36 ދިވެއްސަކާއި 32 ބިދޭސީން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަތަރު ދުވަހު ކޮވިޑް ކޭސްތަކުގެ އަދަދު 40 އިން މަތީގައި އުޅުމަށްފަހު އިއްޔެ ވަނީ ކޭސްތަކުގެ އަދަދު ވެއްޓިފައެވެ. އެ ހަތަރު ދުވަހުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު 110 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށްފަހު ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އިއްޔެ ޕޮޒިޓިވްވީ 29 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.