އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އަހުމަދު އަކްރަމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަކްރަމްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާފައިވަނީ އެ ކޮމިޓީއަށް ފޮނުވާފައިވާ ސިއްރު ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީއަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް އަކްރަމް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ފޮނުވި ސިޓީއެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޓީން އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާ ވަކިން ބައްދަލުކޮށް، ވިކްޓިމްއާ ވެސް ބައްދަލުކޮށްފައިވާ އިރު، އަކްރަމްގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު އޭނާ ވަނީ ދޮގުކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަކްރަމް ފޮނުއްވި ސިޓީގައި ވިދާޅުވީ، އީސީގެ މެންބަރުކަމުން އިސްތިއުފާދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

އަކްރަމް ވިދާޅުވީ، އޭނާއާ ބެހޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަަލައަކީ ވަކި ބައެއްގެ ރޭވުމުގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ، އެކަން ހިނގައިދިޔަގޮތުގެ ތަފްސީލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކުރައްވާފައިވާނެ ކަމަށެވެ.