ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 15 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން ފަސް ކެނޑިޑޭޓުންނަކީ ކައުންސިލު އިންތިހާބުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށާއި އަށް ކެނޑިޑޭޓުންނަކީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށެވެ. އަދި ބާކީ ދެ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުން ކަމަށް އީސީއިން ބުނެ އެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީގެ އަށް ކެނޑިޑޭޓަކު ހިމެނެއެވެ. ދެން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ހަތަރު ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ކުރިމަތިލީ ދެ ކެންޑިޑޭޓުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެވެ.

އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ޖުމްލަ 86 ކެންޑިޑޭޓުން ވަނީ ނަން ނަގައިފައެވެ. އޭގެ ތެރޭގައިވެސް ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި މިވަގުތު 2،307 ކެންޑިޑޭޓުން ތިބިއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1785 ކެންޑިޑޭޓުން ހިމެނެއެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

ކޮވިޑް 19އާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ވަނީ އަންނަ އަހަރަށް ފަސްކޮށް، އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލައިފައެވެ.

އިލެކްޝަން ކޮމިޝަނުން އަންނަނީ އަންނަ މާޗް ހަ ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށް ތައްޔާރީތައް ވަމުންނެވެ.