މިދިޔަ އޮކްޓޯބަރު މަހު ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީއަށް ރިޕޯޓްކުރި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް މިދިޔަ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު 27 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ މައްސަލަތަކުގެ ތަފާސްހިސާބު ދައްކާ ގޮތުން، މިދިޔަ މަހު ޖުމްލަ 257 މައްސަލައެއް ރިޕޯޓްކޮށް އެޓެންޑުކޮށްފައިވެ އެވެ.
އޭގެ ތެރެއިން 135 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު 29 ކޭސް ނުވަތަ 27 ޕަސެންޓުގެ އިތުރުވުމެކެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެބާވަތުގެ 43 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ޖިންސީ ހާނިއްކައިގެ 38 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވެ އެވެ.
އޭގެ އިތުރުން ނަހަމަގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ ހަތަރު މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.
މިދިޔަ މަހު ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 12 މައްސަލައެއް އަދި ހައްގުތަކުން ކުޑަކުދިން މަހުރޫމްކުރުމުގެ ދެ މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ކުދިންގެ ނުވަ މައްސަލައެއް ހުށަހެޅުނުއިރު، އޭގެ ތެރޭގައި ވައްކަންކުރުމާ ގުޅޭ ދެ މައްސަލައެއް ވެސް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުގައި ދައްކާ ގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 20 މައްސަލައަކީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ.
ދެން ހިމެނެނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ތިން މައްސަލައަކާއި ޖިންސީ ހާނިއްކަކުރުމުގެ ދެ މައްސަލަ އަދި ރޭޕްކުރުމުގެ ދެ މައްސަލައެކެވެ. އޭގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ހަތް މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުދިން ނެގިފައިވާ ކަމަށެވެ. އެއާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދު ވަނީ 206 އަށް އަރައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު