އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އަހުމަދު އަކްރަމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ އެކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެ މައްސަލައިގެ ބައްދަލުވުންތައް ކުރިއަށްގެންދިޔައީ ސިއްރު ބައްދަލުވުންތަކުގެ ގޮތުގައެވެ.

ރޮޒެއިނާ ވިދާޅުވީ އަކްރަމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ތަޅުމަށް ނަން ފޮނުވަން މިއަދު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ރޮޒެއިނާ ނުދެއްވައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަކްރަމްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާފައިވަނީ އެ ކޮމިޓީއަށް ފޮނުވާފައިވާ ސިއްރު ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީއަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް އަކްރަމް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ފޮނުވި ސިޓީއެކެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޓީން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ވަކިން ބައްދަލުކޮށް، ވިކްޓިމްއާ ވެސް ބައްދަލުކޮށްފައިވާ އިރު، އަކްރަމްގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު އޭނާ ވަނީ ދޮގުކޮށްފައެވެ.