ހދ. ކުމުންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކުމުންދޫ ސިއްހީ މަރުކަޒުން ބުނީ ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ކަރަންޓީން މުއްދަތު ހަމަވުމުން މިދިޔަ ހޯމަ ދުވަހު ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މަދުން ނަމަވެސް އަދިވެސް ހޯމް ކަރަންޓީނަށް ރަށްރަށަށްދާ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. އެގޮތުން މިހާރުވެސް އަށް ރަށެއްގައި ކަރަންޓީނުގައި ތިބި ނުވަ މީހަކު އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.
މާލެއިން ގޮސް ފުރަބަންދު ކަރަންޓީނަށްދިޔަ 200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކަރަންޓީނު މުއްދަތު އުވައިލަން އަދި އަވަސް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެއްސަކާއި 11 ބިދޭސީން ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 12،355 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މި ބައްޔަށް ފަރުވާދެމުން އަންނަނީ 915 މީހަކަށެވެ. އަދި މި ބަލިން 11،388 މީހަކު ވަނީ ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު