މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދެ އަނގައިން ވާހަކަނުދައްކަވާ ނަމަ، ޗައިނާއިން ނަގާފައިވާ ލޯނުތައް އެގައުމުން މިހާރު ހުންނާނީ ފަސްކޮށްދީފައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިއްޔެ ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އިނދަޖެހި ރާއްޖެ ހާލުގައި ޖެހިފައިވާ މި ވަގުތުގައި، ދަރަނި ފައިސާ ނަގަން ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަކީ 2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ރައްޔިތުން ފާޑުކިޔަން ފެށުމުން ކަމުގެ ހަގީގަތް އޮޅުވާލައި، ސަރުކާރުން ހިންގަން ވިސްނާފައިވާ ޖަރީމާއެއް ފޮރުވުމުގެ ނިޔަތުގައި ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައި ދެއްކެވި ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އެމަނިކުފާނުގެ ވާހަކަފުޅު ކުށްވެރިކުރާ ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ، ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ގައުމުގެ އިގުތިސޯދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވަމުންދާ އިރު، އެކަމުގެ ޒިންމާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ ޕީޕީއެމްގެ ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަދެއްކުމަކީ، ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިގުތިސޯދު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމެކެވެ. އަދި ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެންގިގެންދާ ދަލީލެއް ކަމަށްވެސް ބުންޏެވެ.

ޕީޕީއެމްގެ ސަރުކާރުގައި ދިވެހި ތާރީހުގައިވެސް ނުފެންނަ ފަދަ ތަރައްގީގެ ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ގައުމުގައި ކުރެވުނު އިރު، ނެގުނު ހުރިހާ ލޯނެއް، ކުޑަވެސް ދައްޗެއްނެތި ދައްކައި ހަލާސްކުރާނެ ހަކަތަވެސް ގާއިމުކޮށްފައިވާނެ ކަމަށް ބުންޏެވެ. އެގޮތުން ޔާމީން އުފައްދަވައިދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެ ކަމަށާއި ދައުލަތަށް އިތުރަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ހަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އޭރު ޕީޕީއެމުން ކުރި އަންދާޒާތަކަށާއި ގައުމުގެ އިގުތިސޯދު އޭރު އޮތް ހާލަތަށް ބަލާއިރު ޕީޕީއެމް ވެރިކަމުގައި އޮތްނަމަ، މިހާރު އެ ފަންޑުގައި އޭރު ހުރި މިންވަރުގެ ދެގުނަ ހުންނާނެ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ، ކުރިއަށް އޮތް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން، އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ނަޝީދަށް ހަނދާންކޮށްދޭ ކަމަށާއި އޭރު ނަޝީދު ދެއްކެވި ދޮގު ވާހަކަތައް ރައްޔިތުންނަށް މިއަދު އެނގި، އޮޅުން ފިލާފައިވާ އިރު، އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ކަށި ނުޖެހޭނެކަންވެސް ހަނދާންކޮށްދޭ ކަމަށެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭނެ ކަމަށް އެގައުމުން ހާމަކޮށްފައިވާ ކަމަށާއި އެހެންކަމުން އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ގަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަދައްކަން ޖާގައެއް ނޯންނާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ޗައިނާއިން ނަގާފައިވާ ލޯނުތައް ފަސްކުރަންޖެހޭ ނަމަ، އެކަން ފަސޭހަކަމާއެކު ޕީޕީއެމްއިން ކޮށްދޭނެ ކަމަށާއި އެގޮތުން ސަރުކާރަށް އެކަން ނުވެގެން އުޅޭނަަމަ، ނުވަތަ އެފަދަ މަޝްވަރާއެއް ކުރުމަށް ފަހަތުފަޔަށް ބުރަވާނަމަ، އެކަމުގެ ސަބަބު ސާފުކޮށް ވިދާޅުވެ ސަރުކާރުން ގެންގުޅޭ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމަށެވެ.

"ސަރުކާރަށް އެކަން ނުވެގެން އުޅޭނަމަ ނުވަތަ އެފަދަ މަޝްވަރާއެއް ކުރުމަށް ފަހަތުފަޔަށް ބުރަވަމުންދާނަމަ، އޭގެ ސަބަބުވެސް ސާފެވެ. ރައީސް ސޯލިހު ގެންގުޅުއްވާ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު އެބަ ބަދަލުކުރަންޖެހެއެވެ. އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވައި ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވައި ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހެއެވެ.." ބަޔާނުގައި ބުންޏެވެ.

އިދިކޮޅުން ބުނީ މިވަގުތު ރާއްޖޭގައި އޮތް އިގުތިސޯދީ އަނދަވަޅާއި އޭގެ ހައްލާ ދެމެދު އޮތް ހުރަހަކީ ރައީސް ނަޝީދުގެ ވިހަ ދޫފުޅާއި ވަޔާނުދާ އަނގަ ކަމަށެވެ.