ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައި، މުޅި މަޖިލިސް ކޯޓަކަށް ހައްދަވައި ރައްޔިތުންގެ މަޖިލީހާއި މުޅި ގައުމު ހަރާބު ކުރައްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް ވިދާޅުވީ، މަޖިލިސް ރައީސް ހުރިހާ ކަމެއް ކުރައްވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.
ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރައްވާނެކަމަށް ވިދާޅުވެ މަޖިލީހަށް ވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިންނަވައިގެން، ބޭނުންހާ ގޮތަކަށް މަޖިލިސް ރައީސް ކަންތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ ވާހަކައިގައި، ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ކުރިއަށް ގެންދާ ނ. އިރުފުށި ރިސޯޓް މައްސަލައިގެ ތެރެއަށް ވެސް މަޖިލިސް ރައީސް ވަންނަވައި ހިލްޓަން ކުންފުންޏާ އެއްކޮޅަށް މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑު މި ދައްކަނީ ތިބޭފުޅުން އެކަމުގެ ތެރެއަށް ވަން ވާހަކަ، އަޅުގަނޑު މިދައްކަނީ ތިބޭފުޅާ، ހިލްޓަން ކުންފުނީގެ ތެރެއަށް ވަދެގެން އެތަނަށް އިންފްލުއެންސް ފޯރުވާ އަޅުގަނޑަށް އަނިޔާ ކުރަމުން ގެންދާ ވާހަކަ،" މަޖިލިސް ރައީސަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެކަމުގައި ހިލްޓަނުން ވަނީ ބޮޑެތި އޮޅުވައިލުންތަކެއް ވެސް އޮޅުވާލައިފައި ކަމަށެވެ. އެކަމުގެ ތެރެއިން ރާއްޖޭގައި ހުރި ގިނަ ފައިސާތަކެއް ރާއްޖޭން ބޭރަށް ގެންދިއުމަށް ކުރާ މަސައްކަތުގައި މަޖިލިސް ރައީސް އެހީތެރިވެދެއްވަމުން ގެންދަވާ ކަމަށްވެސް ސިޔާމް ތުހުމަތު ކުރެއްވި އެވެ.
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު