ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ހެކި ހުށަހެޅުމުން ޝަހީބުގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ.

ނަމަވެސް އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފުލުހުން އޭރު ބުނީ، ޝަހީބު ދޫކޮށްލީ ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިވެސް ހުށަހެޅުމުން ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ޝަހީބުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ކަނޑައެޅިފައި އޮތް އޮތުމުގެ މައްޗަށާއި އެ މައްސަލައިގައި ޝަހީބުގެ މައްޗަށް ތުހުމަތުކުރުމަށް ލިބިފައިވާ ހެކި ގަރީނާގެ މައްޗަށާއި އަދި އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު ޝަހީބުގެ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވައި އޭނާ ބަންދުން ދޫވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަން އެނގޭ ކަމަށެވެ.

އެހެންކަމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، ޝަހީބު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރެއްވި ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އޭނާ ވަނީ މެންބަރުކަމުން ސަސްޕެންޑު ކޮށްފައެވެ.