ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ނަތީޖާއެއް މިހާތަނަށް ނެރެފައިވާ ފައިޒާ އާއި މޮޑާނާ އަށް ހުއްދަ ލިބުމަކާ ގާތް ވެފައިވާއިރު ވެކްސިންގެ ފޯރުކޮށްދިނުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖައްސަމުން އަންނައިރު ވެކްސިން ރައްކާކުރުމުގައި ވަކި ހާއްސަ ފިނިހޫނުމިނެއްގައި ރައްކާކުރަން ޖެހެއެވެ.

ފައިޒާ ވެކްސިން އަށް ބަލާއިރު މިއީ އާދަޔާ ހިލާފު ފިނި ހޫނުމިނެއްގައި ރައްކާ ކުރަން ޖެހޭ ވެކްސިންއެކެވެ. ފައިޒާގެ ވެކްސިން ރައްކާކުރަން ޖެހެނީ މައިނަސް 70 ޑިގިރީ ގައެވެ. މިއީ އެންޓާކްޓިކާއަށްވުރެ ވެސް ފިނި މިނެކެވެ.

މޮޑާނާއިން ވަނީ އެވެކްސިން މައިނަސް 20 ޑިގްރީގައި ރައްކާކުރުމުން ރަނގަޅުވާނެ ކަމަށް ބުނެފައެވެ. މިއީ އާންމުކޮށް ބޭނުންކުރާ އައިސް އަލަމާރީގައިވެސް ރައްކާ ކުރެވޭނެ ފިނިހޫނުމިނެކެވެ.

ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމާއެކު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ފައިޒާ އިން ވަނީ ވެކްސިން ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ހާއްސަ ކޮންޓެއިނަރެއް އުފައްދައިފައެވެ. ފައިޒާ އިން ވަނީ އެ ސްޓޯރޭޖްގައި ހަފްތާ ތަކަކަށް، ވެކްސިން އެކަށީގެންވާ ފިނި މިނުގައި ރައްކާތެރިކަމާއެކު ބެހެއްޓޭނެ ކަމަށް ބުނެފައެވެ.

މޮޑާނާއިން ވަނީ ވެކްސިން ފޯރުކޮށްދިނުމަށް މިހާރުވެސް ސިއްހީ ދާއިރާތަކުގައި ބޭނުންކުރާ އާލާތްތައް ބޭނުންކުރެވިދާނެ ކަމަށް ބުނެފައެވެ.