ހއ. ހޯރަފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި މަސައްކަތެއް ކަމަށާއި މި ސަރުކާރުން އާ އެއްވެސް ކަމެއް ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު ހިންގެވުމާ ހަވާލުވެ ހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ހޯރަފުށީގައި އެއާޕޯޓް އެޅިގެން ދިޔައީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާއެކު ކަމަށާއި އެކަމަށް ރައީސް ޔާމީނަށް ސާބަސް ދެއްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ހޯރަފުށީގައި ގާއިމުކޮށްފައިވާ އެއާޕޯޓަކީ މި ސަރުކާރުން އެޅި އެއާޕޯޓެކޭ ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާނެ ކަމަށެވެ. އެ އެއާޕޯޓް އަޅަން ބަޖެޓް ހަމަޖައްސައި ބިން ހިއްކަން މަހާ ޖައްރާފު ފޮނުވީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

"މިއަދު ކިތަންމެ ވަރަކަށް އެއީ ތިމަންނާމެންގެ އެއާޕޯޓެކޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރާނަން. ރައީސް ޔާމީން ވިދާޅުވީ އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި މި ހޯރަފުއްޓަށް ޖައްސާނީކީ ހޯރައެއް ނޫނޭ މި ހޯރަފުށި ފަޅުތެރެއަށް ޖައްސާނީ މަތިންދާބޯޓޭ. ބަޖެޓު ހޯއްދެވީ ރައީސް ޔާމީން. މަހާޖައްރާފު ގެންގޮސް ހިއްކަންވެގެން އެތާ ބޭއްވީ ރައީސް ޔާމީން. އެއީ ރައީސް ޔާމީންގެ އެއާޕޯޓެއް. މި ސަރުކާރަކަށް އާ އެއްކަމެއްވެސް ނުކުރެވޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ހޯރަފުށީގައި އެޅިގެންދިޔަ އެއާޕޯޓް ހިދުމަތް އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާތީ، ރައީސް ޔާމީންގެ ނަންފުޅުގައި މަރުހަބާ ދަންނަވައިފައެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމި، އިއްޔެ ވަނީ މޯލްޑިވިއަންގެ ޓެސްޓު ފްލައިޓެއް އެ އެއާޕޯޓަށް ޖައްސައިފައެވެ. އަދި މިއަދު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވީ ނަމަވެސް، އަންނަ ބުރާސްފަތި ދުވަހު ހުޅުވުމަށް ވަނީ ފަސްކޮށްފައެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ އެއާޕޯޓަށް އިއްޔެ ޓެސްޓު ފްލައިޓެއް ޖައްސާފައިވާ އިރު، ކޮމާޝަލް ދަތުރުތައް ހަފްތާއެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ހަދަން ނިންމި މި އެއާޕޯޓެކެވެ. ނަމަވެސް އެ އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ 198 މިލިއަން ރުފިޔާއަށެވެ.

އެ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ސެކިއުރިޓީ ބީޗް ފެންސެއް ވަނީ ޖަހައިފައެވެ. އަދި 1.2 ކިލޯ މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފައެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ކޮށްފައިވަނީ ފަޔާ ބިލްޑިންއަކާއި ޕަސެންޖާ ޓާމިނަލެއް ހެދުމެވެ. ޖުމްލަ 13.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ މިމަހުގެ 11 އަށް ނިންމުމަށެވެ.