ކޮވިޑާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ކައުންސިލް އިންތިހާބަށް ހާއްސަ ގާނޫނެއް ފާސްކޮށް، މިހާރު ތަސްދީގު ކުރެވިފައިވާ ކަމަށާއި އެ ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރަން ޖެހޭނީ ކޮވިޑާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަފްތާއެއްގެ ތެރޭގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގެ ކަންކަމަކީ ކުއްލިއަކަށް ނިންމޭ ކަންކަމަށް ނުވާތީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް ޝެޑިއުލް ކުރެވި ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މާޗް މަހުގެ ފުރަތަމަ ހަފުތާގެ ހޮނހިރު ދުވަހު އިންތިހާބު ބާއްވަން ޝެޑިއުލް ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ މާޗް މަހުގެ ހަ ވަނަ ދުވަހެވެ.

"އެގޮތުގެ މަތީން މިހާރު އިލެކްޝަން ކޮމިޝަނުން ޝެޑިއުލް ކޮށްފައި އޮތް ގޮތުން އަދި ކޮމިޝަންގެ ތެރޭގައި މަޝްވަރާ ކުރެވިފައި އޮތް ގޮތުން އަދި ކޮމިޝަނުން ތާރީހު ނުނިންމާ އޮތް ކަމުގައި ވިޔަސް، އަޅުގަނޑުމެން އިންތިހާބު ބޭއްވޭނެ ކަމަށް އަޅުގަނޑުމެން ލަފާ މި ކުރަނީ އަދި ޝެޑިއުލް ކޮށްފައި މިވަނީ މާޗް މަހުގެ ފުރަތަމަ ހަފްތާ ހޮނިހިރު ދުވަހުގައި،" ޝަރީފް ވިދާޅުވިއެވެ،

ވަކި ތާރީހެއްގައި އިންތިހާބު ބާއްވަން މިހާރު ޝެޑިއުލް ކުރެވުނު ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހު ފަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ތާރީހު ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށާއި އެގޮތުން ހާއްސަ ގާނޫނު ތަސްދީގުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އެހެންކަމުން އަންނަ މެއި މަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"މި ތާރީހާއި އަޅުގަނޑުމެން އިންތިހާބު ބާއްވާ ތާރީހާ ދޭތެރޭގައި ރޯދަމަސް ފޯލްވޭ. އިންތިހާބެއް ރޯދަމަހުގެ ތެރޭގައި ގެންދިއުމަކީ އެއީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް އަދި އިންތިހާބުގައި ވޯޓުލުމަށް އަދި ކެމްޕޭންގެ ކަންތައްތައް ކުރުމަށް އުނދަގޫތަކެއް ކުރުމަށް ލަފާކޮށް އަޅުގަނޑުމެން ރޯދަ މަހުގެ ކުރިން އިންތިހާބުގެ ނަތީޖާ ފާޅުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭތީވެ، އަޅުގަނޑުމެން އެ ތާރީހަށް (މާޗް 6) ޝެޑިއުލް ކޮށްފަ މިއޮތީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވަކި ގޮތަކަށް އަދި ނިންމާފައިނުވާ ކަމަށާއި އެކަން ކުރާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށެވެ. އަދި އެކަން އިއުލާން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ގާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތެއް ކެމްޕެއިން ކުރަން ކެނޑިޑޭޓުންނަށް ލިބިގެންދާނެ ކަމަށާއި އިންތިހާބު ބާއްވާނީ އެ މުއްދަތު ދީފައި ކަމަށެވެ.