މިދިޔަ ސަރުކާރުން ބޭނުންވިގޮތަށް ޝަރީއަތްތައް ނިންމައިދިނުމުން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން ވަނީ ގާޒީ ބާރީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ މާލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި އެ މުއްދަތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގުކޮށް، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފައެވެ.
ޖޭއެސްސީން ބުނީ މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ގާޒީ ބާރީއާ ގާތް ގުޅުމެއް އޮތްކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
"ކްރިމިނަލް ކޯޓްގެ ގާޒީ ކަމުގައި ހުންނެވިއިރު، ޝަރީއަތްތައް ކުރީގެ ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާކަމާއި ގާޒީ ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ ބާރީ ދައްކާފައިވާ އިރު، އެ ފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި މި ކޮމިޝަނުން ކުރި ތަހުގީގުން އެނގޭ،" ޖޭއެސްސީން ބުންޏެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ބާރީ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީ ހިމެނިވަޑައިގަންނަވާތީ، އޭނާގެ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު