ޚަބަރު

ހުއްދައާއެކު ހުޅުވާފައިވާ ގެސްޓްހައުސެއް ނުހުޅުވާކަމަށް އިމްގްރޭޝަނުން ބުނުމުން، ފަތުރުވެރިން ރިސޯޓަކަށް

އަލީ ޔާމިން

2

ކ. ގުރައިދޫ އޯސަން ރިޓްރީޓް އެންޑް ސްޕާއަށް ބުކިން ހައްދާފައިވާ ދެ ފަތުރުވެރިން ހޮލިޑޭ އިން ކަނޑޫމާ ރިސޯޓަށް ޑައިވާޓްކޮށްފިއެވެ.

އިންޑިގޯ ފްލައިޓުން މިއަދު ރާއްޖެ އައި އިންޑިއާގެ އެ ދެ ފަތުރުވެރިންނަކީ އޯސަން ރިޓްރީޓަށް 14 ދުވަހަށް ބުކިން ހައްދާފައި ތިބި ދެ ފަތުރުވެރިންނެވެ. އެމީހުން ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަންގެ ޑެސްކަށް ދިއުމުން، އެ ޑެސްކުން ވަނީ އޯސަން ރިޓްރީޓަކީ ޓޫރިޒަމް މިނިސްޓްރީން ހުޅުވުމުގެ ހުއްދަ ދީފައިވާ ގެސްޓުހައުސެއް ނޫން ކަމަށް ބުނެފައެވެ.

އެހެންކަމުން އެ ދެ ފަތުރުވެރިން ވަނީ އެތަނުގައި ތިބެ، ކަނޑޫމާ ރިސޯޓަށް ބުކިން ހައްދައި އެ ރިސޯޓަށް ގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އަޕްޑޭޓް ކުރި ހުޅުވުމުގެ ހުއްދަ ދީފައިވާ ރިސޯޓް، ގެސްޓްހައުސް އަދި އުޅަނދުފަހަރުގެ ލިސްޓުގައި އޯސަން ރިޓްރީޓްގެ ނަން އެބައޮތެވެ. އެ ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން "ވަން"އިން އިމިގްރޭޝަނަށް ގުޅުމުން އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އިމިގްރޭޝަނުން ބަލަނީ ޓޫރިޒަމް މިނިސްޓްރީން ދޭ ލިސްޓަކަށް ކަމަށާއި އެ ލިސްޓަކީ ގަވައިދުން އިމިގްރޭޝަންގެ ސިސްޓަމަށް އަޕްޑޭޓް ކުރެވޭ ލިސްޓެއް ކަމަށެވެ.

އޯޝަން ރިޓްރީޓުގެ ވެރިޔާ އިސްމާއިލް އަބްދުލް ހަމީދު ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ގެސްޓްހައުސަށް ބުކިން ހައްދާފައި ތިބި އިންޑިއާގެ ދެ ފަތުރުވެރިން ކަނޑޫމާއަށް ޑައިވާޓް ކޮށްފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި ގެސްޓްހައުސަކީ ހުޅުވުމަށް ހުއްދަ ދީފައި އިން ގެސްޓްހައުސެއް. އެ ދެ ފަތުރުވެރިން ނެތް ބުކިން ކެންސަލްވެސް ކޮށްފައެއް. ދެން އިމިގްރޭޝަނުން މި ގެސްޓްހައުސަކީ ހުއްދަ ދީފައިވާ ގެސްޓްހައުސެއް ނޫނޭ ބުނުމުން އެ ބޭފުޅުން ކަނޑޫމާއަށް ދިޔައީ،" އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާއިލް ވިދާޅުވީ، ރާއްޖެ އައުމުގެ އެއް ދުވަސް ކުރިންވެސް އެ ދެ ފަތުރުވެރިން ރާއްޖެއަށް އަންނަ ވާހަކަ ބުނަން ގުޅި ކަމަށެވެ. އަދި އެ ދެ ފަތުރުވެރިން ކަނޑޫމާއަށް ޑައިވާޓްކުރިކަމުގެ ކަންބޮޑުވުން ޓޫރިޒަމް މިނިސްޓްރީއާއި އިމިގްރޭޝަނަށްވެސް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ކަނޑޫމާއަށް ޑައިވާޓްކޮށްފައިވަނީ އިންޑިއާގެ ދެ މެފިރިއަކާއި އެމީހުންގެ ދަރިއެކެވެ. އެ ފަތުރުވެރިންނަކީ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިން ފަހުން 17 ކޮޓަރި ހުންނަ އޯސަން ރިޓްރީޓަށް އައުމަށް ބުކިން ހެއްދި ފުރަތަމަ ދެ ފަތުރުވެރިންނެވެ.

ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން އިއްޔެގެ ނިޔަލަށް 91 ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.