ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އިނދަޖެހި ރާއްޖެ ހާލުގައި ޖެހިފައިވާ މިވަގުތުގައި، ދަރަނި ފައިސާ ނަގަން ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ޗައިނާއަށް ދައްކަން ޖެހިފައިވާ ލޯނުތަކަކީ "ގޮތެއްފޮތެއް" ބަލައިނުލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކެއް ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ވެސް އެ ލޯނުތައް ދެއްކުމުގައި ޗައިނާއިން ލުޔެއް ދީފައިނުވާ އިރު، އެއީ އިންސާފެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް ލުޔެއް ނެތޭ، ކޮބައިތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާގެ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން ދިވެހިރާއްޖެއަށް ތިހެން ނުހައްދަވާށޭ. އާދޭހޭ އާދެހޭ އަޅުގަޑުމެން ތިބޭފުޅުންގެ އަތުން އެއްޗެއް ނުނަގާ ކަމަށް ދަންނަވަނީކީ ނޫން. އެހެންނަމަވެސް މި ގަޑީގައި، އެންމެ ބަލިވި ގަޑީގައި އަޅުގަނޑުމެން އަތުން ފައިސާ ނަގަން ޗައިނާ ސަރުކާރުން އެއްގޮތަަކަށް ވެސް އުޅެގެންނުވާނެ. މިއީ އިންސާފެއް ނޫން، މި ދުނިޔެ ދަންނަ އިންސާފެއް ވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ބަޖެޓުގައި ޖަހައިގެން އަންނަ 2021 އަހަރު، ދިވެހި ރައްޔިތުންގެ ޖީބުން ލޯނަށް ފަސް ބިލިޔަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ޗައިނާއިން ލޯނު ދިން މައްސަލައަށްވެސް ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑު އަޖާއިބުވެ އަންތަރީސްވޭ އެބަ، އެއޮއް ބޮޑު ޗައިނާ، އެހެރަ ތަނަވަސް ގައުމު، އެއޮއް ކުރިއަރަމުން އަންނަ މީހުން، އަދި ދުނިޔޭގެ ވެރިކަމަށް ނުކުތުމަށް އުއްމީދު ކުރަމުން ތައްޔާރުވަމުން އަންނަ ގައުމު. މި ދިވެހިރާއްޖޭގައި ތިބި ހަތަރުލައްކަ މީހުންގެ ކައިރީގައި ފައްޓަރުބައި ވިއްކާފައި ތިމަންނަމެންގެ ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނާބުނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބުރަ ބޮޑުވެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ފައިސާ ހިމަނާފައިވާތީ ކަމަށް ތަކުރާރު ކުރެއްވިއެވެ.