މި ހިނގާ ނޮވެމްބަރު މަހާއި އަންނަ ޑިސެމްބަރު މަހާއެކު މިއަހަރުގެ ފަހު ދެމަސް ދުވަހު، ދަރަނީގެ ގޮތުގައި ރާއްޖެއިން 83 މިލިޔަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު މެންބަރު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ބަޖެޓަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެމަސް ދުވަހަށް ދައްކަން ޖެހޭ 83 މިލިޔަން ޑޮލަރަކީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު ދައުލަތުން އުފައްދާފައިވާ ދަރަނި އަނބުރާ ދައްކަން ޖެހިގެން ދައްކަން ޖެހޭ އަދަދު ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ބަޖެޓް ފޮތުގައި، ރައީސް ޔާމީންގެ ސަރުކާރުން ނެގި ދަރަނިތައް ދެއްކުމަށް 300 މިލިޔަނަށްވުރެ ގިނަ ޑޮލަރު، 4.5 ބިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބުރަ ބޮޑުވެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި ބެލުމެއް ނެތި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ހަރަދާ ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް