މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 55 މިލިއަނަށް އަރައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންނަން ފެށި ކޮވިޑް 19 ގެ ވައިރަސް މުޅި ދުނިޔެއަށް ފެތުރި އެތައް ބަޔަކަށް ބަލި ޖެހިފައިވާއިރު މިހާތަނަށް ބަލީގައި މުޅި ދުނިޔެއިން 1.33 މިލިއަން މީހުން މަރުވެފައި ވެއެވެ.

ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމު ކަމަށްވާ އެމެރިކާއިން އެކަނިވެސް ވަނީ 11.3 މިިލިއަން ކޭސް ފެނިފައެވެ. އެގައުމުން ބަލި ޖެހިގެން މިހާތަނަށް 247000 އަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.

އަމުޅި ދުނިޔެއިން ވެސް ކޮވިޑްގެ ނުރައްކާ ދެވަނަ އަށް އެންމެ ބޮޑުވެފައިވާ އިންޑިއާއިން ވެސް ބަލި ޖެހުނު މީހުންގެ އަދަދު ނުވަ މިލިއަނާ ގާތްކޮށްފައި ވެއެވެ. އެގައުމުން މިހާތަނަށް 131000 އަށްވުރެން ގިނަ މީހުން މަރުވެފައިވާއިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުންވެސް ކާމިޔާބެއް އަދި ލިބިފައެއް ނުވެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ ގައުމުތަކަކަށް ދެވަނަ ރާޅު އަރައި އިގްތިސާދީ ކާރިސާއަކަށް ދުނިޔެ ވެއްޓިފައި ވާއިރު ބަލިމަޑުކަމުން ސަލާމަތްވުމަށް ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ވެކްސިނެއް އުފެއްދުމަށް ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ.