ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިގްތިސޯދީ ދާއިރާތައް އިތުރުކުރަން ސަގާފީ ފަތުރުވެރިކަން އާލާކުރުމަށް ވިސްނުން ބެހެއްޓުން މުހިންމު: ރައީސް

އިގްތިސޯދީ ދާއިރާތައް އިތުރުކުރަން ސަގާފީ ފަތުރުވެރިކަން އާލާކުރުމަށް ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކަޅުވަކުރު މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިޒަމާނުގައި ތަރިކައަކީ އިގްތިސޯދީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ސަގާފީ ތަރިކައަކީ ފަތުރުވެރިކަން ވިއްކުމުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި އަންނަ އަހަރުގެ ތެރޭގައި އިގްތިސޯދީ ދާއިރާތައް އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމެއް އާލާ ކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އިގްތިސޯދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއްގެ ގޮތުގައި ދެކިގެން ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކަޅުވަކަރު މިސްކިތް ފަދަ ތަރިކަތައް ހިމާޔަތްކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއަކާއި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަަމަށެވެ.

ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި ކަޅުވަކަރު މިސްކިތަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ރޫޅާލި މިސްކިތެކެވެ.

ނަމަވެސް އެ މިސްކިތް ހޯދައި އަލުން ރޭވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތުގެ ބައިތައް ވަނީ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި މިސްކިތް އަލުން ރާވަން ފެށިއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ.