އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ހޯރަފުށީ އެއާޕޯޓަކީ ބިން ހިއްކައިގެން ރާއްޖޭގައި މިހާތަނަށް އެންމެ އަވަހަށް ހެދި އެއާޕޯޓް: އާޒިމް

އަލީ ޔާމިން

ހއ. ހޯރަފުށީ އެއާޕޯޓަކީ ބިން ހިއްކައިގެން ރާއްޖޭގައި މިހާތަނަށް އެންމެ އަވަހަށް ނިންމި އެއާޕޯޓު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. އާޒިމް ވިދާޅުވީ ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއުން އެމްޓީސީސީގެ ޓީމުގެ ގާބިލްކަން ވަރަށް ބޮޑަށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

އާޒިމް މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 55 ޕްރޮޖެކްޓް ނިންމާފައިވާ ކަމަށާއި މި ދެ އަހަރަކީ ކުންފުނީގެ ތާރީހަށް ބަލާއިރު އެންމެ ގިނަ މަސައްކަތް ނިންމި އެންމެ ފައިދާވެސް ރަނގަޅު ދެ އަހަރު ކަމަށެވެ.

"މިއަހަރު އެކަނިވެސް ޖުމްލަ 29 ޕްރޮޖެކްޓެއް އަޅުގަނޑުމެން ނިންމައިފިން. ޖުމްލަ 55 ޕްރޮޖެކްޓެއް މި ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ނިންމާފައި މިވަނީ" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ ސަރުކާރުން އިތުބާރުކުރާ ކުންފުންޏެއް ކަމަށާއި ސަރުކާރުގެ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް އެމްޓީސީސީއާ ހަވާލުކުރަނީ އެހެންވެ ކަމަށެވެ. އެގޮތުން މި ފަހުންވެސް 1.19 ބިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީން މަސައްކަތް ކުރަނީ އެ ކުންފުންޏާއި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްވެސް ވީހާވެސް އަަވަހަކަށް ނިންމުން ކަމަށެވެ.

ފްރެސްމާތޮޑާ އެއާޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވަނީ ފަރެސްމާތޮޑާ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއު ނިންމަން ނެގި މުއްދަތަށް ވުރެ އަވަހަށް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.