މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުކޮށްފައިވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި މާލޭގެ ތިން ދާއިރާއަކަށް ހޮވިފައިވާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު "ވަން" އަށް މިއަދު ވިދާޅުވީ، ސިޓީ ކައުންސިލަށް އިންތިހާބުކުރި މެންބަރުންނާއި މޭޔަރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސާފައިވާ ކަމަށާއި އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި މޭޔަރުކަން އާޒިމް ކާމިޔާބުކުރެއްވީ، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލިކުރެއްވުމަށްފަހުއެވެ. މި އިންތިހާބުގައި އާޒިމަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އިރު، އާޒިމާއަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

މިއީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.