ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަން ރައީސް ޑރ. މުއިއްޒު ވަނީ ހޯއްދަވާފައި ކަމަށް ސިޓީސް، ލޯކަލް ގަވަރުމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގުމަށް ފައްކާވަމުން އަންނައިރު ކައުންސިލްތައް ބާރުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން ރައީސް މުއިއްޒު ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަށް އެންމެ މުހިންމީ ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ހޯދައިދިނުން ކަމަށާއި އެކަން ކުރުމުގެ ގޮތުން ކައުންސިލްތަކުގެ އިހުތިސޯސުގައި ހިމެނޭ އަދި އިހުތިސޯސުން ބޭރުގައި ހިމެނޭ ރަށްތަކާއި ފަޅުތަކުގައި އިގްތިސޯދީ މަސައްކަތްތަކެއް ކުރެވޭނެ ގޮތްތަކެއް ރައީސް މުއިއްޒު ހަމަޖައްސައިދީފައިވާ ކަމަށެވެ.

"މީ ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުމަށްޓަކާ ރައްޔިތުން ބޭނުންވި ކަމަކީ. އެ މަގު އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ފަހި ކޮށްދެއްވީ. އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަން މިއަދު އެވަނީ ރައީސުލްޖުމްހޫރިއްޔާ ހޯއްދަވާފައޭ. ވަރަށް ބޮޑަށް މަރުހަބާ ރައީސުލްޖުމްހޫރިއްޔާ" އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް، ރައީސް މުއިއްޒު، މިސާލަކަށް ބައްލަވައިގެން ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ސިޓީސް، ލޯކަލް ގަވަރުމެންޓް އެންޑް ޕަބްލިކް ވޯކްސްއާއި ސަރުކާރުގެ ފަރާތުން ކައުންސިލަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އެންމެ ފަހުބަސް ބުނާ ފަރާތަކީ ރައްޔިތުން ކަމަށާއި ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ބައެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. ކައުންސިލަރުން، ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ބޭނުންވިޔަސް، ރާއްޖޭގެ ނިޒާމުތައް މިވަގުތު ހުރި ގޮތުގެ ސަބަބުން، ކައުންސިލަރުންނަކީ ހަތަރުވަނަ ދަރަޖައިގެ މީހުންނަށް ވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން އެގޮތަށް ވެފައިވުމަކީ، ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަަމަށް ވިދާޅުވިއެވެ. ކައުންސިލްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި އެއީ ރަނގަޅު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލުކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.