ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާ އިން މިއަދު 21 މީހަކު ޕޮޒިޓިވްވެ، ޖުމުލަ 47 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި މިދިޔަ 24 ގަޑިއިރު ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ރަށްފަޅުހުރާ އިން ޕޮޒިޓިވްވި 21 މީހަކު ހިމެނޭ ކަމަށެވެ.
ރަށްފަޅުހުރާ އިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ އިއްޔެއެވެ. އެ ރަށުން ނެގި 249 ރެންޑަމް ސާމްޕަލްގެ ތެރެއިން އިއްޔެ ވަނީ 26 މީހަކު ޕޮޒިޓިވްވެފައެވެ. އެ ރަށުގެ އިތުރު މުވައްޒަފުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ ރަށްފަޅުހުރާއަކީ ހަތަރު ރަށެއްގެ މައްޗަށް ބެހިގެންވާ ތަނެއް ކަމަށާއި އެތަނުގައި 2،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 110 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 12،314 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި 79 ބިދޭސީންނެވެ.
އެންމެ ފަހުން ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ގައެވެ. އެ ދުވަހު 121 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ފަހުން ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށަށް ދިއުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަދަދުތައް ވަނީ މައްޗަށް އަރައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު 42 މީހުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވީ 50 މީހުންނެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި ރަށްފަޅުހުރާ އިން ފެނުނު 21 ކޭސްގެ އިތުރުން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އާއި ރަންވޭ ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ދެ ކުންފުނީގެ 38 މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުރިން ޕޮޒިޓިވްވި މީހުންނާއެކު އެ ދެ ކުންފުނިން ވަނީ ޖުމުލަ 90 މީހަކު ޕޮޒިޓިވްވެފައެވެ.
މިއަދު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކާގޯ ޑިޕާޓްމަންޓުން ވެސް އިތުރު ދިހަ ޕޮޒިޓިވް ކޭސް ފެނިފައެވެ. އެމީހުންނާއެކު އެމްއޭސީއެލްގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 32 އަށް ވަނީ އަރައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު