ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 27 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 27 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 11،316 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 110 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި 79 ބިދޭސީންނެވެ.

ކޮވިޑް ކޭސްތަކުގެ އަދަދު އެންމެ ފަހުން 100 އިން މައްޗަށް އަރާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ގައެވެ. އެ ދުވަހު 121 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ފަހުން ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށަށް ދިއުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަދަދުތައް ވަނީ މައްޗަށް އަރައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު 42 މީހުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވީ 50 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 12،314 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 59 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 މީހަކު ވަނީ މަރުވެފައެވެ. އެއީ 37 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.