މިދިޔަ 24 ގަޑިއިރު ތެރޭ 110 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 12،314 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި 79 ބިދޭސީން ކަމަށެވެ.

އެންމެ ފަހުން ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ގައެވެ. އެ ދުވަހު 121 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ފަހުން ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށަށް ދިއުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަދަދުތައް ވަނީ މައްޗަށް އަރައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު 42 މީހުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވީ 50 މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 27 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 11،316 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 947 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 59 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 މީހަކު ވަނީ މަރުވެފައެވެ. އެއީ 37 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.