އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ގިނަ މަޝްރޫއުތަކަށް މިހާރުވެސް ބަޖެޓް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް އެކުލަވާލިއިރު އެންމެބޮޑު އިސްކަމެއް ދެއްވީ މިހާރު އޮތް އިގްތިސޯދީ ހާލަތުން ވީ އެންމެ އަވަހަކަށް އަރައިގަތުމަށް ކަމަށެވެ.
މިހާރު އޮތް އިގްތިސޯދު ދަށް ހާލަތުގައިވެސް، ބަޖެޓްގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހިމަނާފައިވާ މައްސަލައިގައި ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، މިނިސްޓަރު ވިދާޅުވީ އެ ހަރަދުތައް ނުކޮށް އާމްދަނީ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުމަށް އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ހިންގާ 1.2 ބިލިޔަން ރުފިޔާގެ މަޝްރޫއަކީ ވެސް ފަންޑިން ހަމަޖެހިފައިވާ މަޝްރުއެއްް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ލިބޭ އާމްދަނީއާ އެއްވަރަށް ބަޖެޓު ކުޑަކޮށްފި ނަމަ ރާއްޖޭގެ އިގުތިސާދު ކުޑަ ވެ، ދިގު މުއްދަތުގައި އިގްތިސޯދު ފުޅާކުރަން މަސައްކަތް ނުކޮށް ތިބެން ޖެހިދާނެ ކަމަށެވެ.
"ޑިސެމްބަރު 2019 ގައި އަޅުގަނޑުމެންގެ އިގުތިސޯދު އޮތީ ގާތްގަނޑަކަށް 85 ބިލިއަން ރުފިޔާގައި. މިހާރު، ނޮވެމްބަރު 2020 ގައި އަޅުގަނޑުމެން މި ދެކޭ ހަގީގަތަކީ އަޅުގަނޑުމެންގެ އިގުތިސޯދު މިހާރު މި އޮތީ ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާގައި. 85 ބިލިއަން ރުފިޔާ އިން އަަޅުގަނޑުމެންގެ އިގުތިސޯދު ކުޑަވެގެން މި ދިޔައީ 54 ބިލިޔަން ރުފިޔާ އަށް،" އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިިިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 15.5 ބިލިއަން ރުފިޔާ އިން ބަޖެޓް ޑެފިސިޓްވާނެ ކަމަށް ވަނީ ހިމަނައިފައެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު