މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ވަކި މީހެއްގެ އަންބަކަށް ވެގެން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިގޮތަށް ވިދާޅުވެފައި މިވަނީ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އާންމުންގެ މީހަކު މިނިސްޓަރު ނަހުލާއަށް ކުރި ސުވާލަކީ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތީ، މި ކޯލިޝަންގެ އިސް ބައިވެރިއެއް ކަމަށްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވުމުންތޯއެވެ.

ނަހުލާ ވިދާޅުވީ އެ ސުވާލަށް ދެއްވަން ބޭނުންވަނީ ވަރަށްވެސް ކުރުކޮށް ކަމަށެވެ. ވިދާޅުވީ ވަކި މީހެއްގެ އަންބަކަށް ވުމުން ކެބިނެޓްގެ ވަޒީރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެކަމަނާ އައްޔަން ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކެބިނެޓަށް ވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ވަކި މީހަކަށް އަންބަކަށް ވެގެން،" ނަހުލާ ވިދާޅުވިއެވެ.