ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރުފަހު 2:24 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 42 ވަނަ މީހާއެވެ. އޭނާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވި ހަތަރު ވަނަ މީހާއެވެ.
މީގެ ކުރިން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނެއްގެ އިތުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 35 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 12،112 އަށް އަރައިފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 243 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 52 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،244 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު